ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ޑިޖިޓަލްކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ‘ޑެމޭޖް އެސެސްމަންޓް އެންޑް ލޮސް އެނަލިސިސް’ (ޑާލާ) ޕްލެޓްފޯމް އިފްތިތާހްކޮށްފިއެވެ.
މި ޕްލެޓްފޯމާ ގުޅޭގޮތުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، “ޑާލާ އަކީ ހަމައެކަނި ޑިޖިޓަލް ނިޒާމެއް ނޫން. މިއީ ސަރުކާރުގެ ‘ޑިޖިޓަލް މޯލްޑިވްސް 2.0’ ސިޔާސަތަށް އޮތް އިތުބާރު ރަމްޒުކޮށްދޭ ޕްލެޓްފޯމެއް،” ކަމަށެވެ. އަދި މި ނިޒާމުގެ ސަބަބުން ކާރިސާތަކުގެ މައުލޫމާތަކީ ގައުމީ ރައުސްމާލަކަށް ބަދަލުވެ، ޖަވާބުދާރީވުމާއި ވިލުންތެރިކަމަށް ބާރުލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހޮޓެލް ޖެންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއެވެ.
ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) މޯލްޑިވްސްގެ އެހީތެރިކަމާއެކު ފަރުމާކޮށްފައިވާ މި ޕްލެޓްފޯމަކީ، ކާރިސާތަކާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ހެކީގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ނިޒާމު ހަރުދަނާކުރުމަށް ތައާރަފްކުރި ގައުމީ ޑިޖިޓަލް ނިޒާމެކެވެ. މީގެ ކުރިން މެނުއަލްކޮށް ކުރަމުންދިޔަ ގެއްލުން ވަޒަންކުރުމުގެ މަސައްކަތްތައް މިހާރު މި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކުރެވޭނެއެވެ.
މި ޕްލެޓްފޯމްގެ ސަބަބުން ކާރިސާތަކުގެ މައުލޫމާތު ކަމާގުޅޭ މުއައްސަސާތަކަށް ރިޕޯޓުކުރުން އަވަސްވެ، ލިބުނު ގެއްލުންތަކުގެ ހިސާބުތައް އޮޓޮމެޓިކުން ތައްޔާރުކުރެވޭނެއެވެ. މީގެ އިތުރުން، އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް ފަސޭހައިން ހުށަހެޅުންތައް ހުށަހެޅޭނެ ކަމަށާއި، އެހީގެ ކަންކަން ކުރިއަށްދާ ގޮތުގެ މައުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ލިބޭނެ ކަމަށް އެން.ޑީ.އެމް.އޭ އިން ބުނެއެވެ.
ޑާލާ ޕޯޓަލް ފަރުމާކޮށްފައިވަނީ ކާރިސާގެ ބާވަތްތަކާއި، ގެއްލުން ލިބުނު ދާއިރާތަކާއި، ސަރަހައްދުތަކަށް ބަލައި ވަކިވަކިން މައުލޫމާތު އެއްކުރެވޭ ގޮތަށެވެ. މީގެ ސަބަބުން ކާރިސާތަކުގެ އަސަރުތައް ފުންކޮށް ދެނެގަނެވި، އެހީތެރިކަން ބޭނުންވާ ދާއިރާތަކަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމަށާއި ހަމަހަމަކަމާއެކު އިއާދަކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މި ޕޯޓަލް އިފްތިތާހުކުރުމަކީ ގައުމީ ފެންވަރުގައި ކާރިސީ ހިރާސް ބެލެހެއްޓުން ހަރުދަނާކުރުމަށާއި، އަވަސް އަދި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
މި މަސައްކަތަކީ އެން.ޑީ.އެމް.އޭގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ ޑިޖިޓަލް މޯލްޑިވްސް 2.0 ގެ ގައުމީ ޑިޖިޓަލައިޒޭޝަން ލަނޑުދަނޑިތަކާ އެއްގޮތް، އަދި ‘ސެންޑާއީ ފްރޭމްވޯކް ފޯ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން’ އާއި ‘އާލީ ވޯނިންގްސް ފޯ އޯލް’ އިސްނެގުމުގެ ދަށުން ވެފައިވާ ބައިނަލްއަގުވާމީ އިލްތިޒާމުތަކަށް ބާރުދޭ މުހިއްމު މަސައްކަތެކެވެ.
ޑާލާ ޕޯޓަލް ފަރުމާކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޔޫ.އެން.ޑީ.ޕީ ގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކާއި ލަގްޒެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުގެ ދީލަތި އެހީއާއެކުގައެވެ.
ކިޔުންތެރިންގެ ހިޔާލު