ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑަބްލިޔޫއެޗްއޯއިން ވަކިވާން އެމެރިކާއިން ދެއްކި ސަބަބުތައް ޑރ. ޓެޑްރޮސް ދޮގުކުރައްވައިފި

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ޣެބްރެސަސް

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ވަކިވުމަށް އެމެރިކާއިން ދެއްކި ހުއްޖަތަކީ ހަގީގަތެއް ނޫން ކަމަށް، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ޣެބްރެސަސް ވިދާޅުވެއްޖެއެވެ.

ޑަބްލިޔޫއެޗްއޯއިން އެމެރިކާ ވަކިވުމަށް ނިންމައި އެކަން ހާމަކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސްވަނީ އެކަމާ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޑަބްލިޔޫއެޗްއޯއިން ހާސިލްކޮށްފައިވާ އެތައް ކާމިޔާބީއެއްގައި އެމެރިކާގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި، އޭގެތެރޭގައި ސްމޯލްޕޮކްސް ދުނިޔެއިން ނެތިކޮށްލުމުގެ މަސައްކަތް، ޑިރެކްޓަރ ޖެނެރަލް ފާހަގަ ކުރައްވާފައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެމެރިކާ ވަކިވީ، އެ ޖަމްއިއްޔާއިން ވަކިވުމަށް މީގެ އަހަރެއްކުރިން ރައީސް ޓްރަމްޕް ސޮއިކުރައްވާފައިވާ ރިޔާސީ ގަރާރުގެ ދަށުން ކަމަށް އެމެރިކާއިން ބުނެފައި ވެއެވެ.

އެ ގަރާރުގެ ދަށުން ޑަބްލިޔޫއެޗްއޯއިން އެމެރިކާ ރަސްމީގޮތުން ވަކިވެފައިވަނީ މި ޖެނުއަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ، 1948 ގެ ފަހުން އެމެރިކާ، ދުނިޔެގެ ސިއްހަތު ޖަމްއިއްޔާގެ ފުރިހަމަ މެމްބަރުކަމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޑަބްލިޔޫއެޗްއޯއިން ވަކިވި ސަބަބެއް ކަމަށް އެމެރިކާއިން ބުނަނީ، ޑަބްލިޔޫއެޗްއޯއިން ކޮވިޑް19 ބަލިމަޑުކަމާ ކުރިމަތިލުމުގައި އިހުމާލުވެފައިވާ ކަމަށާއި، އެތެރެފެންނަ ގޮތެއްގައި މަސައްކަތް ނުކުރުމާއި، އަދި ޒިންމާނުކުރުވުމާއި، ޑަބްލިޔޫއެޗްއޯ ރިފޯމްކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެއެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވަނީ މި ވާހަކަތައް ދޮގު ކުރައްވާފައެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްގެ ބަޔާނުގައި ވިދާޅުވީ، އެމެރިކާއިން ކައިރި މުސްތަގްބަލެއްގައި އެނބުރި އެ ޖަމާއަތާ ގުޅޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ހަމަ އެއާއެކު، ޑަބްލިޔޫއެޗްއޯގެ މަގްސަދުތައް ހާސިލްކުރުމަށް މެމްބަރު ގައުމުތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް ތާނގައިވެސް ހުއްޓާނުލާ ކުރިއަށް ގެންދެވޭނޭ ކަމުގެ ޔަގީންކަންވެސް ޑރ. ޓެޑްރޮސް ދެއްވާފައި ވެއެވެ.

ޑަބްލިޔޫއެޗްއޯއަށް އެންމެ ބޮޑު ފަންޑިންއެއް ދެނީވެސް އެމެރިކާއިންނެވެ. އެ ޖަމާއަތުން އެމެރިކާ ވަކިވިއިރު 260 ވަރަކަށް މިލިއަން ޑޮލަރު ނުދައްކާ އެބަހުރި ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޚަރްޖަށް ހަމަލާދިން މިސައިލްތައް އައީ ޔޫއޭއީން: އާންމުން ދުރަށްދާން އީރާނުން އަންގައިފި

ހަމަލާދިނަސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތެއް ނުހުއްޓޭ، އީރާނު މިކަމުން އަރައިގަންނާނެ: އީރާނުގެ ރައީސް

އީރާނުގެ ރައްދު ހަމަލާތައް ހައްތަހާ ވަރުގަދަކުރަނީ، އިއްޔެއާއި ރޭ އީރާނަށް ބޮޑެތި ކާމިޔާބީތަކެއް

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ