ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި އެބައޮތް ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
‘އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާތައް މޮރިޝަސްއަށް ދިނުމުގެ ބިލު، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓަށް ތައްޔާރުވެފައިވަނިކޮށް، ބިލަށް ވޯޓު ދިނުން މަތިގެއިން ފަސްކޮށްފައިވާ ކަމަށެވެ.
“ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދި ގެއްލިގެން ނުދޭ،” ނަޝީދު ވިދާޅުވިއެވެ.
ޗާގޯސް ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ “އެކްސްޕްރެސް” ނޫހަށް މިދިޔަ ބުދަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަނީ ވިދާޅުވެފައެވެ.
“ރަސްމީކޮށް މައުލޫމާތުތައް ބަދަލުކުރެވިގެން ވަނީ ގޮސްފައި، އެހެންވީމާ އިނގިރޭސިވިލާތުގެ ސަރުކާރަށް އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ސަމާލުކަމަށް ވަނީ ގެނެވިފައި، ރާއްޖެއާއި ޗާގޯސްގެ ރަށްތަކާ ތާރީޚީ ގުޅުމެއްވޭ. ދިވެހީން ކިޔާ ގޮތުން ނަމަ ފޯޅަވަހި. އެއީ، ރާއްޖޭގެ ދެކުނުގައި އޮންނަ ތަނެއް. މި ކަމާ ބެހޭ ލިޔެކިޔުންތަކެއް ފެންނަން ހުރުމުން ރާއްޖޭން ގަބޫލުކުރަނީ އެހެން އެއްވެސް ގައުމަކަށް ވުރެ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް,” ނަޝީދު ވިދާޅުވިއެވެ.
އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965 ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ.
ނަމަވެސް، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައެވެ.
ކިޔުންތެރިންގެ ހިޔާލު