ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އަތޮޅުތެރޭގެ ރަށްރަށުން ދެވޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، މިއަހަރު (2026) ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓްރީ ޤާއިމުކޮށް ނިންމަވާނެކަމުގެ ޔަޤީންކަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ދެއްވައިފިއެވެ.
“ތަރުޖަމާނާ އެކު” ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އެކަށީގެންވާ ފަރުވާއެއް ފެށުމުގެ އެންމެ މުހިންމު އަސާސަކީ އިތުބާރު ހިފޭ ޑައިގްނޯސްޓިކް ނިޒާމެއް އޮތުމެވެ. ބަލި ދެނެގަތުމުގެ ނިޒާމު ނުވަތަ ޑައިގްނޯސްޓިކް ސިސްޓަމް ހަރުދަނާ ނުވެ، ލިޔެދޭ ބޭސް ސިޓީއަކަށް ރައްޔިތުންގެ އިތުބާރެއް ނުހޯދޭނެކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ރަށުގައި ތިބެގެން އިތުބާރާއެކު ޓެސްޓްތައް ހަދައި ފަރުވާ ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ވެރިކަން ފެށުނުއިރު ލެބޯޓްރީގެ ޚިދުމަތް ނުލިބި 76 ރަށެއް އޮތްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ވަގުތީ ހައްލެއްގެ ގޮތުން “ޕޮއިންޓް އޮފް ކެއާ” ގެ ދަށުން އަސާސީ ޓެސްޓުތައް ހެދޭނެ އިންތިޒާމު އެ ރަށްރަށުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ދެވަނަ އަހަރުގެ އަމާޒަކީ ހަމައެކަނި މެޝިނެއް ބެހެއްޓުން ނޫން ކަމަށާއި، ފުރިހަމަ ފިޒިކަލް ލެބޯޓްރީއެއް ޤާއިމުކޮށް، ތަމްރީނު ލިބިފައިވާ ލެބް ޓެކްނީޝަނުންނާއެކު އާންމު ހުރިހާ ޓެސްޓެއް ހެދޭނެ ނިޒާމު ހުރިހާ ރަށެއްގައި ޤާއިމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން މިދިޔަ މަހު އެކަނިވެސް ހަތަރު ރަށެއްގައި އަލަށް ލެބޯޓްރީ ހުޅުވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކުގައި ސީޓީ ސްކޭން ފަދަ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫޢުތައް ނިމުމުން، ކުދިކުދި ޓެސްޓުތައް ހެދުމަށް މާލެއަށް އަންނަންޖެހޭ ޖެހުމަށް ނިމުމެއް އައިސް، އައިޖީއެމްއެޗްގެ ކިއުތަކަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު