ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ “ފާޓިލިޓީ ކެއާ ފަންޑް” މެދުވެރިކޮށް އައިވީއެފް ފަރުވާއަށް އެހީ ހޯދުމަށް މިދިޔަ އަހަރު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި 39 މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފިއެވެ. އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތުގެ ދަށުން އެހީ ދިނުމަށް ކަނޑައަޅާފައިވަނީ ޖުމްލަ 50 ދެމަފިރިންނަށެވެ. ނަމަވެސް 20 ޑިސެމްބަރު 2025 ގެ ނިޔަލަށް އެހީއަށް އެދި ހުށަހެޅި 135 ފަރާތުގެ ތެރެއިން، ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތި، ޝަރުތު ހަމަވެފައިވަނީ 39 ފަރާތެކެވެ.
އެހީއަށް ޝަރުތު ހަމަވެ، ވަގުތީ ލިސްޓުގައި ހިމެނުނު ފަރާތްތަކުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ވަކި މުއްދަތެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން، އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ މައުލޫމާތު އެ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.
ދަރިމައިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރަމުންދާ ހޭދަ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2024 ވަނަ އަހަރު އައިވީއެފް ފަރުވާއަށް 4.78 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 7.13 މިލިއަން ރުފިޔާއަށް އަރާފައެވެ. އަދި އޮކްޓޫބަރު މަހުގެ ނިޔަލަށް 93 މީހަކަށް އެހީ ދީފައިވާއިރު، އޭގެ ތެރެއިން 23 މީހެއްގެ ފަރުވާ ކާމިޔާބުވެފައިވާ ކަމަށްވެސް އެންސްޕާއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ހިޔާލު