ދިވެހިރާއްޖެއާއި އޯޕެކް ފަންޑާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އޮސްޓްރިއާގެ ވިއޭނާގައި ހުންނަ އޯޕެކް ފަންޑުގެ މައި މަރުކަޒަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ފްރޭމްވޯކަކީ އޯޕެކް ފަންޑުން ދޭ މާލީ އަދި ފަންނީ އެހީތެރިކަން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ސިޔާސަތުތަކާ އެއްގޮތަށް ބައްޓަންކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ އަތޮޅުތަކުގެ އުމްރާނީ ތަރައްޤީ ފުޅާކޮށް، ސަރަޙައްދީ ތަރައްޤީގެ ހަމަހަމަކަން ޤާއިމުކުރުމާއި ދިގު މުއްދަތުގެ އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރުންކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައާއި، މާލީ ދާއިރާގެ ހަމަޖެހުމުގެ އިތުރުން ރަށްރަށުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެވޭނެއެވެ.
މި އެއްބަސްވުމަށްފަހު މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު ވަނީ އޯޕެކް ފަންޑުން ވޭތުވެދިޔަ މުއްދަތުގައި ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު