މިހާރު ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރަމުންދާ ރަސްމީ ދަނޑު، ގަލޮޅު ދަނޑު ތަޅާލައި، ރަސްމީ ސްޓޭޑިއަމް ހުޅުމާލެއަށް ބަދަލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ޕީއެސްއެމްގެ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ދަނޑުގެ ވާހަކަ މީގެ ކުރިންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.
“ގަލޮޅު ދަނޑަކީ ހިސްޓޮރީއާ ވަރަށް ގުޅުން އޮތް ތަނެއް ނަމަވެސް، އެ ތަނަކީ އިންޓަނޭޝަނަލް ސްޓޭޑިއަމެއް ގާއިމުކުރުމަށް އެންމެ އެދެވޭ ތަނެއް ނޫން. އެހެން އެކަން ވަނީ އެތަނުގެ ސޭފްޓީއާއި ސެކިއުރިޓީއާއި އެހެނިހެން ގޮތްގޮތުން ވެސް ޕާކިން އާއި ޓްރެފިކާއި އާންމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އެތަން އިނުމާއެކު. އެހެންވީމަ ކުޅިވަރުގެ ތަނެއް އެތަނުގައި ގާއިމުކުރުމަކީ އެކަށީގެންވާ ކަމެއް ނޫން. އެހެންވީމަ އިންޓަނޭޝަން ސްޓޭޑިއަމް، ގައުމީ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކަކަށް ބަދަލުކުރުން އެއީ ސިޔާސަތަކީ،” މިނިސްޓަރު
މިނިސްޓަރު ރާފިއު ވިދާޅުވީ ގަލޮޅު ދަނޑަކީ ސްޓޭޑިމެއްގެ ގޮތުގައި ބާއްވާނެ ތަނެއް ނޫން ނަމަވެސް، އެއީ އާއްމުންނަށް ވަދެވޭ ކުޅިވަރު ކުޅެވޭ ތަނެއްގެ ގޮތުގައި ބާއްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑަކީ ފިޒިކަލް އެކްޓިވިޓީތަކަށް ހާއްސަ ކުރެވިފައި އޮންނަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނެ ތަނެއް ނަމަވެސް، ރާއްޖޭގެ ހޯމް ގްރައުންޑަކަށް ދެން ވާނީ ހުޅުމާލޭގައި އިމާރާތް ކުރާ ސްޓޭޑިއަމެއް ކަމަށެވެ.
ރާފިއު އިތުރަށް ފާހަގަކުރެއްވީ ހުޅުމާލޭގައި ދަނޑު އެޅުމުން، އެއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ސްޓޭޑިއަމް ފައްތަން ލިބޭނެ ފުރުސަތެއް ކަމަށެވެ.
“އަޅުގަނޑުމެންނަށް ހުޅުމާލޭގައި އަޅާ ސްޓޭޑިއަމް ސްޕޯޓްސް ސެކިއުރިޓީއާއި އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމުކުރެވިގެންދާނީ. ޓްރެފިކް އާއި ޕާކިން އާއި މި ހުރިހާ ކަމަކަށް ބަލާފައި އެ ތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެގޮތަށް އަޅުގަނޑުމެން ވިސްނީ،” މިނިސްޓަރު
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ މެޗަކާއި ގައުމީ ޓީމުގެ މެޗުތައްވެސް ކުޅެން އޮތް ހަމައެކަނި ދަނޑު، ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ވީރާނާވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ. 2019 ވަނަ އަހަރު ގަލޮޅު ދަނޑުގެ ދެކުނު ފަރާތް (ސަހާރާ ފަޅި) އަދި އިރުމަތީ ފަރާތުގެ (ބޮޑުގޭޓް ފަޅި) ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ އެ ދެ ފަރާތް ބަންދުކުރި ގޮތަށް، ކިރިޔާވެސް އަލުން ބޭނުންކުރީ ސާފް ޗެމްޕިއަންޝިޕް 2021 ގައެވެ.
އެ ހާލަތުގައި ދަނޑު އޮއްވައި، 2021 ވަނަ އަހަރު، ދަނޑު ހަދަން ފެށޭނެހެން ހީވެސް ވިއެވެ. ކުރީގެ މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ދަނޑުގެ ކުރެހުމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފައެވެ. ދަނޑު ހަދަން ފެށުމާއެކު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުޅުމާލެއަށް ބަދަލުކުރަން ނިންމި ހިސާބަކަށްވެސް ދިޔައެވެ. އެހެން ނަމަވެސް، އެ ކުރެހުމުގައި ކުލައެއް ނުޖެހުނެވެ. ހުރިހާ ކަމެއް ނިމިފައި ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، މަހްލޫފަށްވެސް އެ މަސައްކަތް ނުފެއްޓެވުނެވެ.
އޭރުގެ ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވީ އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީއެއްގެ ތެރެއިން ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 380 މިލިއަން ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެ އަހަރު ދަނޑު ތަރައްގީ ކުރަން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި، 2023 ވަނަ އަހަރު ބަޖެޓަށްވެސް 10 މިލިއަން ރުފިޔާގެ ބަޖެޓެއް ގައުމީ ދަނޑު ތަރައްގީކުރަން ހަމަޖެއްސިއެވެ. އެ މަސައްކަތް އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ކުރި މަސައްކަތް އެވަރުންވެސް ވީ ނާކާމިޔާބެވެ.
ކިޔުންތެރިންގެ ހިޔާލު