ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވަތަނީ ހިދުމަތުގެ ދަސްވެނިވި 66 ޒުވާނަކު ފަންނީ ތަމްރީން ހެދުމަށް ފުރައިފި

ވަތަނީ ހިދުމަތުގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށްފަހު ފަންނީ ތަމްރީނު ފުރިހަމަކުރަން ބޭނުންވާ 66 ޒުވާނަކު މިއަދު އެ ތަމްރީނު ފެށުމަށް ބ.ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް ދިއުމަށް ފުރައިފިއެވެ.

މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ވަތަނީ ހިދުމަތަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ.

އަދި އެ ޕްރޮގުރާމުގެ ދަށުން އިބްތިދާއީ ނުވަތަ އިނިޝިއަލް ތަމްރީނު ފުރިހަމަކުރި ފުރަތަމަ ބެޗުގއި ހިމެނުނު ޒުވާނުންގެ ތެރެއިން ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް އެދި ކުރިމަތިލި ބައިވެރިން މިހާރު އެމްއެންޑީއެފްއިން ބ.ކިހާދޫގައި ގާއިމުކޮށްފައިވާ ގައުމީ ދިފާއީ ބާރުގެ ތަމްރީނު މަރުކަޒަށް ދިއުމަށް ފުރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެންބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމައިލީ 28 ޑިސެންބަރު 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުންވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.

ރައީސް މިއަދު ކުރެއްވި ޕޯސްޓުގައި ބަޔާންކުރެއްވި ގޮތުން އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކުވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި އެކި ދާައިރާތަކުން ފަންނީ ތަމްރީނާއި ތައުލީމު ޕްރޮގުރާމުގައި ބައިވެރިވާ ޒުވާނުންނަށް ލިބިގެންދާނެއެވެ. މީގެ ކުރިން ހިންގި ޕްރޮގުރާމު ފުރިހަމަކުރިއިރު އެ ޒުވާނުންނަށް ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ދީފައިވެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގުރާމަކީ ސްކޫލު މަރުހަލާ ނިންމުމަށްފަހު މަތީ ތައުލީމާއި މަސައްކަަތުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ރަނގަޅު އަހުލާގުގެ މައްޗަށް ހާނުވައި، ދީނީ އަގީދާ ވަރުގަދަ ހުނަރުވެރި ހީވާގި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގުރާމެކެވެ.

ދެކުނު ކޮރެއާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ވަރަށް ކާމިޔާބުކަމާއެކު ހިންގައި، އެ ޕްރޮގުރާމުތަކުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ޕްރޮގުރާމެއް ޒުވާނުންނަށް ހާއްސަކުރެވިގެން ހިންގާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވަތަނީ ހިދުމަތުގެ ދަރިވަރުންނަކީ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަމެއް ދެވޭނެ: ރައީސް