އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، އަންނަ ބުރާސްފަތި ދުވަހުން (މި މަހުގެ 15 ވަނަ ދުވަހުން) ފެށިގެން ރާއްޖޭގެ އަމިއްލަ ކްލިނިކްތަކާއި އައިނު ވިއްކާ ފިހާރަތައް މެދުވެރިކޮށް އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި އެކި ފޯރަމްތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް އަޑުއެއްސެވުމަށްފަހު، އިޖްތިމާޢީ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު ހަރުދަނާކޮށް ލުއިފަސޭހަ ކުރުމަށް ނިންމެވި ނިންމެވުމެކެވެ.
އެންސްޕާއިން ހާމަކުރި ގޮތުގައި، މި އައު އުސޫލުގެ ދަށުން އަމިއްލަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގައި މަސައްކަތްކުރާ ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ލިޔެދޭ ބޭސްސިޓީ ނުވަތަ ޕްރިސްކްރިޕްޝަންތަކަށް އާސަންދައިގެ ކަވަރޭޖް ލިބިގެންދާނެއެވެ. މިއީ ޚިދުމަތް ހޯދުމަށް ސަރުކާރުގެ ވަކި ތަންތަނަށް ބަރޯސާވުން ނިމުމަކަށް ގެނެސް، ޚިދުމަތް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މީގެ ކުރިން ސަރުކާރުން ވަނީ އައިޖީއެމްއެޗްގައާއި ހުޅުމާލޭގައި ސަރުކާރުގެ އައިނު ފިހާރަތައް ޤާއިމްކޮށް، އެތަންތަނުން ހިލޭ އައިނު ހެދޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ނަމަވެސް އައު އުސޫލާއެކު މި ޚިދުމަތް ލިބިގަތުމުގެ ދާއިރާ އިތުރަށް ފުޅާވެގެންދާނެއެވެ. މީގެ އިތުރުން، އާސަންދައިގެ ދަށުން އައިނު ހެއްދުމަށް ދެވޭ މާލީ އެހީތެރިކަންވެސް މި ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ކުރިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އައި 1000 ރުފިޔާގެ ލިމިޓް، މިދިޔަ ޖޫން މަހުން ފެށިގެން ވަނީ 2000 ރުފިޔާއަށް އިތުރުކޮށްފައެވެ. އެންސްޕާއިން ބުނީ މި ބަދަލުތައް ތަންފީޒުކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އުސޫލުތައް އެކުލަވާލައި، ކަނޑައެޅިފައިވާ ތާރީޚުން ފެށިގެން އަމިއްލަ ތަންތަނުން ޚިދުމަތް ލިބޭނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު