ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ”ބްރަންޗް ހައުސް“ކެފޭ ގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ”ބްރަންޗް ހައުސް“ ކެފޭގައެވެ. މި ހާދިސާގެ ރިޕޯޓް ސިފައިންނަށް ލިބިފައިވަނީ ރޭ ދަންވަރު 00:58 ކަންހާއިރުއެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު، ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ދަންވަރު 01:19 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާގައި އެންމެ ބޮޑަށް އަލިފާން ފެތުރިފައިވަނީ ކެފޭގެ ބަދިގެ ފަރާތުގައެވެ. ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގެއަށް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް، މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލެއް ސިފައިން އަދި ހާމައެއް ނުކުރެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަލިފާން ރޯވާން ދިމާވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު