ދުވާލެއްގެ މައްޗަށް ވެނެޒުއެލާއިން ވަކި އަދަދަކަށް އެމެރިކާއަށް ތެޔޮ ދެންޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކުރި ޕްލޭނަށް ޗައިނާއިން ވަރަށް ރުޅިވެރި ކަމާއެކު ރައްދު ދީފިއެވެ.
ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު މާއޮ ނިންގް މިއަދު ވިދާޅުވީ، އެމެރިކާގެ ރައީސްގެ އެ ޕްލޭނަކީ ވެނެޒުއެލާއަށް ބުލީކުރުން ކަމަށާއި، އެއީ، ވެނެޒުއެލާގެ އިސްތިގްލާލާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކާވެސް ޚިލާފް ކަމެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕްގެ ޕްލޭންގައި ބުނެފައިވަނީ، ވެނެޒުއެލާއިން އެމެރިކާއާ އެކު ޕާޓްނަރޝިޕެއް ހަދަން ޖެހޭނޭ ކަމަށާއި، އެ ޕާޓްނަރޝިޕްގެ ދަށުން، ވެނެޒުއެލާއިން ދުވާލެއްގެ މައްޗަށް އެމެރިކާއަށް 30-50 މިލިއަން ފީފާގެ ތެޔޮ ދޭންޖެހޭނޭ ކަމަށެވެ.
ވެނެޒުއެލާއިން ގެންނަ ތެޔޮ ވިއްކާނީ ސީދާ އޭނާގެ ބެލުމުގެ ދަށުން ކަމަށާއި، އެކަމުގެ ފައިދާ އެމެރިކާގެ އިތުރުން، ވެނެޒުއެލާގެ ރައްޔިތުންނަށްވެސް ކުރާނޭ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އެމެރިކާގެ ރައީސް އެދުނު މިންވަރަކީ “ރަމްޒީ” މިންވަރެއް ނަމަވެސް، މިއީ ސީދާ ޗައިނާއަށް ދިން ހަމަލާއެއް ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސަބަބަކީ، ވެނެޒުއެލާއިން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަކީ ޗައިނާއަށް ވެފައި، ޓްރަމްޕްގެ ނިންމުމުގެ ސަބަބުން ވެނެޒުއެލާއިން ޗައިނާއަށް ތެޔޮ ވިއްކުން އެއްކޮށް ހުއްޓިގެންދާނެ ކަމަށް ބެލެވިފައިވާތީއެވެ.
ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ވެނެޒުއެލާއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އެގައުމުގެ ތެލާއި އިގްތިސާދީ ކަންކަމަށް ގޮތް ކިޔާނީ އެގައުމުން ކަމަށެވެ.
އެމެރިކާއިން ވެނެޒުއެލާއަށް މަޖުބޫރުކޮށް އެގައުމުން ތެޔޮ ދިނުމަށް އެންގުމަކީ ސީދާ ބުލީކުރުން ކަމަށާއި، އެ ކަމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ސީރިއަސް ޚިލާފް އަދި ވެނެޒުއެލާގެ އިސްތިގްލާލާ ވެސް ދެކޮޅު ކަމެއް ކަމަށް ޗައިނާއިން ބުނެފައި ވެއެވެ.
ޗައިނާ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ޗައިނާގެ އިތުރުން އެހެން ގައުމުތަކަށްވެސް ވެނެޒުއެލާގައި ހައްގުތަކެއް އެބަހުރި ކަމަށާއި، އެ ހައްގުތައް ރައްކާތެރި ކުރެވެން ޖެހޭނޭ ކަމަށެވެ.
ޗައިނާއާއި ވެނެޒުއެލާއާ ދެމެދު ހެދިފައި ހުރި ވިޔަފާރީގެ އެއްބަސްވުންތަކަކީ، މުސްތަގިއްލު ދެގައުމުގެ ދެމެދުގައި ވެވިފައި ހުރި އެއްބަސްވުންތައް ކަމަށާއި، އެއީ ދެގައުމުގެ ގާނޫނުތަކާއި، ބައިނަލްއަގްވާމީ ގާނޫނުތަކުންވެސް ރައްކާތެރިކަން ލިބިގެންވާ އެއްބަސްވުންތަކެއް ކަމަށް ޗައިނާއިން ބުނެއެވެ.
ވެނެޒުއެލާއިން އެމެރިކާއަށް ކޮންމެ ދުވަހަކު ވަކި އަދަދަކަށް ތެޔޮ ދޭންޖެހޭ ގޮތަށް އެމެރިކާގެ ރައީސް ޕްލޭނެއް ހުށަހެޅިއިރު، އެމެރިކާ ސިފައިން ވެނެޒުއެލާއަށް ހަމަލާދީ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ކިޑްނެޕްކޮށްގެން ގެންދިޔަ މައްސަލަ ދުނިޔެއިން އަދިވެސް ގެންދަނީ ކުށްވެރި ކުރަމުންނެވެ.
މިމައްސަލާގައި ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައިވެސް އެމެރިކާގެ އަމަލު ކުށްވެރިކޮށްފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު