ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

MMA

މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެ ކަމަށް ލަފާކުރެވެނީ 849 މިލިޔަން ޑޮލަރުގައެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި 674 މިލިޔަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

ރިޒާވް މިހާ ބޮޑަށް ރަނގަޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއި، ކަރަންސީ ސްވޮޕް ފެސިލިޓީގެ އެހީގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ.

މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، ރިޒާވް ވަރުގަދަވުމަށް ބޭރު ފައިސާގެ އައު ގަވާއިދުތަކުގެ އިތުރުން، މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ބޮޑު ދައުރެއް އަދާކުރިއެވެ. މީގެއިތުރުން، މިއަހަރުގެ އޭޕްރީލް މަހު ދައްކަންޖެހޭ ސުކޫކަށް ބޭނުންވާ ފައިސާ ހޯދުމަށް ރީފައިނޭންސް ކުރުމަށް ނިންމާފައިވާ ނިންމުމުގެ ސަބަބުންވެސް، ކުރު މުއްދަތަކަށް ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިގްތިސާދީ ކުރިއެރުމަށް ބަލާއިރު، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ވަނީ 5.4 އިންސައްތައިގައި ކުރިއަރާފައެވެ. މިކުރިއެރުން މައިގަނޑު ގޮތެއްގައި އައީ ޓޫރިޒަމް ދާއިރާއާއި، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފުޅާވުމުގެ ސަބަބުންނެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 4.8 އިންސައްތައާއި 5.3 އިންސައްތައާ ދެމެދުގެ މިންވަރަކަށެވެ.

ނަމަވެސް، ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުން ބޭރުގެ އިގްތިސާދީ ނިންމުންތަކުގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްއެމްއޭ އިން އިންޒާރުދެއެވެ. ޚާއްސަކޮށް ޔޫއެސް ޓްރޭޑް ޕޮލިސީއާ އެކު އިންވެސްޓްމެންޓްތަކަށް އަސަރު ކުރުމުގެ ފުރުސަތު އޮތްކަން އެ ބޭންކުން ފާހަގަކުރެއެވެ. މީގެއިތުރުން، ރާއްޖޭގެ ފިސްކަލް ހާލަތު އެދެވޭ ގޮތެއްގައި ރަނގަޅު ނުވެއްޖެނަމަ، މާލީ އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ އިގްތިސާދީ ފިޔަވަޅުތަކާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުވެ، މާލީ ހާލަތު ރަނގަޅުވެގެންދާނެ ކަމަށް ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑިސްއިން ވެސް ވަނީ ދާދި ފަހުން ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 400 މިލިޔަން، މިއީ %63.7 ގެ އިތުރުވުމެއް

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ