ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް މިރޭ ޖައްސައިފިއެވެ.
ފުނަދޫ އަށް ރޭގަނޑު ދަތުރުތައް ފެށޭނެ ގޮތް ހައްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.
މިގޮތުން ފުނަދޫ އެއާޕޯޓްގައި އެ އިންތިޒާމް ހަމަޖެއްސުމަށްފަހު، މިރޭ އިރާކޮޅު މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި ޖައްސާފައެވެ.
މި ފްލައިޓް ޖައްސަން ފުރަތަމަ ތާވަލުކުރީ ރޭގައެވެ. ނަމަވެސް ރޭ ރާއްޖޭގެ އުތުރުގެ ވިޒިބިލިޓީ ދަށްވުމުގެ ސަބަބުން މިރެއަށް މި ފްލައިޓް ލަސްކުރީއެވެ.
މިއަހަރުގެ އޮކްޓޯބަރު މަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފުނަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ ފުނަދޫގެ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢެއް އެމްއޭސީއެލްއާއި ހަވާލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ މިއަހަރު ނިމުމުގެ ކުރިން އެރަށުގެ އެއަރޕޯޓަށް ރޭގަނޑު ފްލައިޓު ޖެއްސުމުގެ އިންތިޒާމުތައް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.
ށ. އަތޮޅުގައި މިވަގުތު އޮތް ހަމައެކަނި އެއާޕޯޓް، ފުނަދޫ އެއަރޕޯޓު ހުޅުވާފައިވަނީ 2020 ވަނަ އަހަރު ގައެވެ. ފުނަދޫގައި ތަރައްޤީކޮށްފައިވަނީ 1200 މީޓަރު ދިގު 30 މީޓަރު ފުޅާ އެތެރޭގެ އުދުހުންތަކަށް ޚާއްސަ ރަންވޭއެކެވެ.
ކިޔުންތެރިންގެ ހިޔާލު