ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާދެއްވައިފިއެވެ.
ޑރ. އަޝްރަފް އެ މަގާމުން އިސްތިއުފާދެއްވިކަން “މުޅިރާއްޖެ”އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދި ނޭނގެއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ އެ އެކެޑަމީގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ އެކެޑަމީއަށް މެންބަރުން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޑރ. އަޝްރަފް އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ތެރޭގައެވެ.
ޑރ. އަޝްރަފް ޢަބްދުއްރަޙީމަކީ، ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަޝްރަފް ޢަބްދުއްރަޙީމުގެ އެންމެ ޚާއްޞަ އެއް ފަންނަކީ، ދިވެހިބަސް ކިޔަވައިދެއްވުމާއި، ބަހުގެ ލިޔުންތެރިކަމާބެހޭ ދިރާސާތައް ކުރައްވައި ލިޔުއްވުމެވެ.
ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ވަރަށްގިނަ ރަށްރަށުގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ދިވެހިބަސް ކިޔަވައިދެއްވައި، އެކިއެކި ވަރކްޝޮޕްތައް ޑޮކްޓަރ އަޝްރަފް ހިންގަވައިދެއްވައިފައިވެއެވެ. މީގެ އިތުރުން މާލޭގެ ވަރަށްގިނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ދިވެހިބަސް އުނގަންނަވައިދެއްވައިފައި ވެއެވެ.
ޑރ. އަޝްރފް ޢަބްދުއްރަޙީމަކީ، ރާއްޖޭގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައި ލިޔުއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް 8ގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. އަދި އެފޮތާއެކު ފުރަތަމަފަހަރަށް ދިވެހިބަހުން ވާހަކަދެއްކުންތެރިކަމާއި، ބަހުސް ކުރުމާއި، ރައިވަރާއި، ޅެމާއި، ޅެން ޝަރަޙަ ހިމެނޭ ސީޑީއެއްވެސް ނެރުއްވިއެވެ.
އެ އެކެޑަމީގެ އެންމެ ފުރަތަމަ ރައީސަކީ އަޝްރަފް އަލީއެވެ.
ކިޔުންތެރިންގެ ހިޔާލު