ކުރީ ސަރުކާރުތަކުގައި ދައުލަތަށް ނަގާފައިވާ ދަރަނި އަދާކުރުމަށް މި އަހަރުގެ މިހާތަނަށް ދިހަ ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ހަރަދުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކުގެ ތެރެއިން މި މަހުގެ 11 ވަނަަ ދުވަހު އާއްމުކުރި ހިސާބުތަކަށް ބަލާއިރު ލޯނު އަދާކުރުމަށް މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެންބަރު 11، 2025 ވަނަ ދުވަހާ ހަމައަށް ޖުމްލަ 5.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލޯނު އަދާކުރުމަށް ހަރަދުކުރީ 2.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރުން އަހަރަށް ލޯނު އަދާކުރުމުގެ ހަރަދުވަނީ 123 އިންސައްތަ އިތުރުވެފައެވެ.
ލޯނު އަަދާކުރުމަށް ހަރަދުކުރި 5.1 ބިލިއަން ރުފިޔާގެ އިތުރަށް ފައިނޭންސްކުރުމުގެ ހަރަދުތަކަށާއި އިންޓަރެސްޓު ދެއްކުމަށް 4.3 ބިލިއަން ރުފިޔާ މި އަހަރު ހަރަދުވިއެވެ. އެއާއެކު ދަރަނި އަދާކުރުމުގެ ޖުމްލަ ހަރަދުވަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ނިމުނު އަހަރު ދަރަނި އަދާކުރުމަށް ޖުމްލަ ހަރަދުވީ 6.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ދަރަނި އަދާކުރުމަށް ކުރި ހަރަދު ނިމުނު އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތައިން އިތުރުވެފައިވެއެވެ.
ދަރަނި އަދާކުރުމަށް ކުރި ހަރަދު އިތުރުވިކަމަށް މާލީ ހިސާބުތަކުން ފެންނައިރު، ދައުލަތުގެ ހަރަދާއި އާމްދަނީގެ ފަރަގު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން މާލީ ހިސާބުތަކުން ފާހަގަކުރެވެއެވެ. އެގޮތުން ނިމުނު އަހަރުގެ ޑިސެންބަރު 11 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 10.8 ބިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި އާމްދަނީއަށްވުރެ އިތުރަށް ހަރަދުވީ 1.8 ބިލިއަން ރުފިޔާއެވެ.
މާލީ ހިސާބުތަކުން ފެންނަ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް ހަރަދުވި މިންވަރު ނުވަތަ ބަޖެޓުގެ ޑެފިސިޓު ފާއިތުވި އަހަރަށްވުރެ މި އަހަރު 82.1 އިންސައްތަައިންވަނީ ދަށްކުރެވިފައެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާއިރު އަންނަ އަހަރު 600 މިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދާކުރަންޖެހެއެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި އާމްދަނީއާއި ހަރަދުގެ ފަރަގު ކުޑަވުމަކީ މުސްތަގުބަލުގެ ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމާއެކު، ދައުލަތުގެ ދަރަނި އަދާކުރުމުގެ ހިރާސްތައް ކުޑަވާނެ ކަމެއް ކަމުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެެއެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކާއެކު، ދަރަނި އަދާކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވި ރާއްޖޭގެ ކްރެޑިޓު ރޭޓިން ހަދާ އެޖެންސީތަކުންވަނީ ރާއްޖޭގެ މާލީ ހާލަތު އިތުރަށް ގޯސްނުވާނެ ކަމުގައި ކަނޑައަޅައި ކްރެޑިޓް ރޭޓިންގެ އައުޓްލުކް ނުވަތަ މުސްތަގުބަލު ނިމުތަކުރާ ގޮތް ނެގެޓިވްއިން ސްޓޭބަލްއަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު