މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލުން ފުރަތަމަ ފަހަރަށް ދިން ”ފައިނު އެވޯޑު 2025” ގެ ފަހުރުވެރިކަމުގެ އެވޯޑު، މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރަށް އަރުވައިފިއެވެ.
މި އެވޯޑު އެރުވީ ފައިނާއި ރާއްޖެއަށް އާދަމް ޝަރީފު އުމަރު ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މިއީ ފައިނު ކައުންސިލުން އިންތިޒާމުކޮށްގެން ދެމުންގެންދާ ފައިނު އެވޯޑު ދިން ފުރަތަމަ ފަހަރެވެ. މި އެވޯޑަކީ ފައިނުގެ ހިދުމަތްތެރީންނާއި، މަސައްކަތްތެރީންނާއި، ރަށަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެކެވެ.
ފައިނު ކައުންސިލުން ވިދާޅުވީ، މިނިސްޓަރު އާދަމް ޝަރީފު އުމަރަށް ފަހުރުވެރިކަމުގެ އެވޯޑު އެރުވީ ވަޒީރު ދައުލަތަށް ކޮށްދެއްވާފައިވާ ގިނަގުނަ ހިދުމަތްތަކުގެ އިތުރުން، ފައިނު ނިސްބަތްވާ ރ. މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާއަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި، ދިވެހިރާއްޖޭގެ ދިފާއީ ވަޒީރުކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. އެންމެ ފަހުން ވަޒީރު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރުކަމުގައެވެ.
އާދަމް ޝަރީފު އުމަރަކީ ތައުލީމީ ދާއިރާއަށް 35 އަހަރު ދުވަހުގެ ދިގު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ތައުލީމީ ދާއިރާއަށް 35 އަހަރުގެ ހިދުމަތްކުރެއްވުމުގެ އިނާމު ވެސް ވަޒީރު އާދަމް ޝަރީފް އުމަރަށް ވަނީ ލިބިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު