އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ހުރިހާ މާނައެއްގައި ޣައްޒާގެ ރައްޔިތުން ބަނޑަށްމެރުމަށް މަސައްކަތް ކުރަމުންނެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމުގައި، ޣައްޒާއަށް ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ ކާބޯތަކެއްޗާއި އިންސާނީ ޟަރޫރީ އެހެން ސާމާނު އެތެރެކުރަން ހިމެނިފައި ވެއެވެ. އެއީ، އިސްރާއީލުން ކުރަން އެއްބަސްވި ކަމެކެވެ.
ނަމަވެސް، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ދެމަހަށްވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް، އެއްބަސްވި މިންވަރާ ގާތަށްވެސް ޣައްޒާއަށް އެހީގެ ސާމާނު އެތެރެކުރިޔަކަ ނުދެއެވެ.
ތަފާތު އެކިއެކި ހުއްޖަތްތައް ދައްކައި، ގެންދަނީ އެހީގެ ސާމާނު އެތެރެކުރަން ހުރަސް އަޅަމުންނެވެ. އަދި އިންސާނީ އެހީގެ ސާމާނު އެތެރެކުރާ ދޮރާށިތައްވެސް ހުޅުވަން ގެންދަނީ ދެކޮޅު ހަދަމުންނެވެ.
ޣައްޒާއަށް ކޮންމެވެސް ވަރަކަށް ސާމާނު އެތެރެކުރި ނަމަވެސް، ގިނަ ސާމާނަކީ ވިޔަފާރިވެރިން ވިއްކަން އެތެރެކުރާ ސާމާނެވެ. އެގެ އަގުތައް އިންތިހާއަށް ބޮޑެވެ.
ވިއްކަން އެތެރެކުރާ ސާމާނުވިޔަސް، އަދި އިންސާނީ އެހީގެ ޓްރަކްތައް ކަމަށްވިޔަސް، މިހާރު އެތެރެކުރާ މަދު މިންވަރުގެ ސާމާނުވެސް އެތެރެކުރަނީ އިސްތިއުމާރީ ސިފައިން ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެމީހުން ބޭނުންއިރަކު ބޭނުންވާ ވަރަކަށް އެތެރެކުރެވޭ ގޮތަށެވެ.
މިއީވެސް، ޣައްޒާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހުރަސްއަޅައި، ބަނޑަށްމެރުމުގެ އަމަލެކެވެ.
އިސްތިއުމާރީ ސިފައިންގެ އަނިޔާވެރި މިފަދަ އަމަލުތަކުގެ ސަބަބުން ޣައްޒާއިން ކަބޯތަކެތި މަދުވެ، ލިބޭންހުރި ތަކެތީގެ އަގުތައްވެސް ބޮޑުވެ، ބަނޑުހައިހޫނުކަން އާންމުވެ، ދިރިއުޅުން މިހާރު ވެފައިވަނީ ބޮޑު ތަކުލީފަކަށެވެ.
ޣައްޒާ މިހާރު ތަހައްމަލް ކުރަމުންދަނީ މޫސުމީ ވިއްސާރައާއި، ތޫފާނާއި، ގަދަ ފިންޏެވެ.
ބޯކޮށް ވާރޭވެހި، ޣައްޒާގެ އެކި ހިސާބުތަކުގައި ޖަހާފައިވާ ޓެންޓު އަވަށްތައް ގަދަފަދަ ވައިގެ ސަބަބުން ހަލާކުވެ، ބައެއް އަވަށްތައް ފެނުއަޑިއަށްގޮސް، އާންމުން އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައެވެ.
އިސްތިއުމާރީ ބާރުން އަދިވެސް ގެންދަނީ، ޣައްޒާއަށް ރަނގަޅު ފެންވަރުގެ ޓެންޓާއި، މޮބައިލް ގެތަކާއި، ގަދަ ފިންޏާއި، ވިއްސާރައިން އާންމުން ސަލާމަތް ވުމަށް ބޭނުން ކުރެވިދާނެ އެއްވެސް އެއްޗެއް ޣައްޒާއަށް އެތެރެކުރަން ހުރަސް އަޅަމުންނެވެ.
ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރްވާގެ ކޮމިޝަނަރ ޖެނެރަލް މިއަދުވެސް ވިދާޅުވީ، ޣައްޒާގެ އާންމުން ދިރިތިބުމަށްވެސް މިހާރު ނުރައްކާވެފައިވާ ކަމަށެވެ.
އެހެންކަމުން، ލަހެއް ފަހެއްނެތި ޣައްޒާއަށް އިންސާނީ އެހީ ވަގުތުން އެތެރެކުރަން ފެށުމަށް އޭނާވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު