ބޮޑު ކަންނެލި މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ނިންމަވައިފިއެވެ.
ޝިޔާމް ބޮޑު ކަންނެލި މަސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 11:00 ގަ އެވެ. އެ ބައްދަލުވުން ކުރިއަށް ދާނީ ފިޝަރީޒް މިނިސްޓްރީ ހުންނަ، ވެލާނާ ގޭގައެވެ.
މިދިޔަ ބުދަ ދުވަހު ބޮޑު ކަންނެލި މަސްވެރިން ވަނީ ކުރީ އަހަރުތަކޭ ވެސް އެއްގޮތަށް މާލެ އާއި ހުޅުމާލޭގެ ފަޅުގައި މުޒާހަރާ ވެސް ކޮށްފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ ބޮޑުކަންނެލީގެ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފައި ހުރި ކަންނެއްޔަށް ފައިސާ ނުލިބި ލަސްވުމުން ކަމަށެވެ. އަދި މަސްވެރިކަން ރަނގަޅުވާ ވަގުތު ބޮޑުކަންނެލީގެ އަގު ދަށްވާ މައްސަލައަކީވެސް މަސްވެރިންގެ ކަންބޮޑުވުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ކަންބޮޑުވުންތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް ވަދެ އެކަން ފުޅާކުރުމަކީ މަސްވެރިންގެ އެދުމެއްކަމަށް ޝިޔާމު ވިދާޅުވިއެވެ. ސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދު ފުއްދާނެކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
“ސަރުކާރުން ދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ގާއިމުކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ޖެނުއަރީ މަސްތެރޭ ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން،” ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުން ދިޔަ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅާއެކު މާލޭ އޭރިއާއިން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމަށެވެ. މިހާރު ރ. ދުވާފަރުން އެ ރޭޓްގައި ތެޔޮ ލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު