އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއާ ސާވިސަސް (އެން.ސީ.އެސް) ގެ ގޮފި ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މި ގޮފި ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޙައިދަރު ވިދާޅުވީ، ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެން.ސީ.އެސް.ގެ ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރުކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރުކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ޤާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރުވަނިވި މަސައްކަތްތެރިން ބިނާކުރުމަށް އެން.ސީ.އެސް.އިން މުހިންމު ދައުރެއް އަދާކުރެއެވެ.
2024 ވަނަ އަހަރު ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރެވުނު ފަހުން، މިހާރު މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ ޚިދުމަތް ދެމުންނެވެ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 14 އަތޮޅެއްގައި ކެރިއަރ ގައިޑެންސް އަދި އެހެނިހެން ސެޝަންތައް ބާއްވާފައިވާއިރު، 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީ، 20 ފަރާތަކަށް އެކިކަހަލަ އިންޓާންޝިޕްގެ ފުރުޞަތުތައް ވަނީ ދީފައެވެ.
ޖޮބް ސެންޓަރ ޕޯޓަލްގައި ވަޒީފާ ހޯދާ ފަރާތުގެ ގޮތުގައި 8912 މީހުން ރަޖިސްޓްރީވެފައިވާއިރު، ވަޒީފާ ދޭ ފަރާތެއްގެ ގޮތުގައި 4076 މީހުން ރަޖިސްޓްރީވެފައިވެއެވެ. އަދި މިއަދާ ހަމައަށް 1562 މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ކިޔުންތެރިންގެ ހިޔާލު