މާލޭ ސަރަހައްދުގައި ނުރައްކާ މިންވަރަކަށް ވައި ނުސާފުވެފައިވާ ކަމަށް، ވައިގެ ކޮލިޓީ ދައްކައިދޭ މޮނިޓާތަކުން ހާމަކޮށްފިއެވެ.
ހާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކާއި ކުޑަކުދިންގެ ސިއްހަތަށް މިކަމުން ނުރައްކާވެދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ. ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މި މައްސަލަ ދަނީ ކުރިމަތިވަމުންނެވެ.
ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ “އައިކިއު އެއާ” ގެ މައުލޫމާތުތަކަށް ބަލާއިރު، ވައިގައި ހިމެނޭ “ފައިން ޕާޓިކިއުލޭޓް މެޓާ” (ޕީއެމް2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 41.3 މައިކްރޯ ގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށްވުރެ 8.3 ގުނަ މަތީ މިންވަރެކެވެ. މި ދަރަޖައަށް ވައި ނުސާފުވުމަކީ ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް އަދި ލޭގެ ތެރެއަށް ވެސް އެތެރެވެ، ކެއްސުމާއި ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.
މި ދުވަސްވަރު މާލެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފުސްވެ، ދުރު ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައެވެ. “އައިކިއު އެއާ” އިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ނުސާފުކަން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ކުޑަ ތަންކޮޅެއް ރަނގަޅުވި ނަމަވެސް، އަންނަ ހަފްތާގެ އަންގާރަ ދުވަހާ ހިސާބަށް ދާއިރު މިހާރަށްވުރެ ވެސް ގޯސްވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާތަކުން ބުނާގޮތުގައި ކޮންމެ އަހަރެއްގެ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެއެވެ. މިފަހަރު ވެސް މިކަން ބޮޑުވެފައިވަނީ އިންޑިއާ، ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ހިމާލަޔާ ފަރުބަދަ ޗޭނަށް ޖެހޭ ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ. އެ ވައިގައި ހިމާލަޔާ ސަރަހައްދުގެ ހިރަފުހާއި، އިންޑިއާގެ ފެކްޓްރީތަކުން އަރާ ދުން އެކުލެވޭ ނުސާފުކަން އެކުލެވިގެންވެއެވެ.
ދާދި ފަހުން އިންޑިއާގައި ސިއްހަތަށް ނުރައްކާވާވަރަށް ވައި ނުސާފުވެ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ރައްޔިތުންނަށް ދަތިވާ ހިސާބަށް ގޮސްފައިވާއިރު، އިންޑިއާ މަތީގައި އޮތް ހިރަފުސްގަނޑުގެ އަސަރު ކައިރީގައި އޮތް ލަކްޝަދީބުގެ ރަށްތަކަށް ވެސް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެކަމުގެ އަސަރު ރާއްޖޭގެ އުތުރުގެ ބޮޑު ބަޔަކަށް ވެސް ކުރާނެ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
ވައި އެންމެ ނުސާފު ވެރިރަށް ކަމަށްވާ އިންޑިއާގެ ނިއު ދިއްލީގައި ވެސް މި ދުވަސްވަރު ވައި ނުސާފުވުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ ސަރަހައްދުގައި ވައި ނުސާފުވެ ވައިގެ މަގުންނާއި އެއްގަމު ދަތުރުފަތުރަށް ވެސް ވަނީ ހުރަސްއެޅިފައެވެ.
ކިޔުންތެރިންގެ ހިޔާލު