ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބު އިބްރާހިމަށް އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިއީ ރާއްޖެއަށް މި ފަހުން ފެންމަތިވި ޑްރަގްގުގެ އެންމެ ބޮޑު މައްސަލައެވެ.
އޮކްޓޯބަރ 2020 ގައި ޝަހީބު ހިމެނޭހެން 7 މީހަކު ހައްޔަރުކުރީ ރާއްޖެއަށް 130 ކިލޯ ޑްރަގް އެތެރެކުރި މައްސަލާގައެވެ. އެއަށްފަހު އެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓިއެވެ. އޭގެ ފަހުން ބައެއް މީހުން ބަންދުން ދޫކޮށްލާފައިވެސްވެއެވެ.
މި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މީހުން:
- ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހިމް
- ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާ
- ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު
- ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން
- ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އިގުބާލް
- ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ރިޔާދު
މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށް ވެސް ދައުވާ އުފުލިއެވެ. ނަމަވެސް، ޖުވެނަލް ކޯޓުން ވަނީ އެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައަޅައިފައެވެ.
ފުލުހުން ބުނީ އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް އުޅެފައި ވަނީ ޝަހީބާއި އަހްމަދު މޫސާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު