ބައިނަލްއަޤްވާމީ ބައިވެރިންނާއެކު އިންސާފާއި ހަމަޖެހުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ޤަތަރުގައި ކުރިޔަށްދާ ދޯހާ 2025 ފޯރަމްއާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އަހަރުގެ ފޯރަމްގެ މައިގަނޑު މަޢުޟޫއަކީ، ”ޖަސްޓިސް އިން އެކްޝަން: ބިޔޯންޑް ޕްރޮމިސަސް ޓު ޕްރޮގްރެސް“އެވެ. މި މަޢުޟޫގެ ދަށުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރަނީ، އެކި ދާއިރާތަކުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒީ މަރުޙަލާއަށް ގެނެސް، އެކަންކަމަށް ޢަމަލީ ސިފަ ގެނައުމުގެ މައްޗަށެވެ.
މިނިސްޓަރު ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައިވެސް މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި މި ފޯރަމްގެ ޒަރިއްޔާއިން ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ބޮޑެތި މައްސަލަތަކަށް ޙައްލު ހޯދުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކަށް ބައްދަލުވުންތައް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޤައުމުތަކުގެ ވެރިންނާއި، ވަޒީރުންނާއި، ލީޑަރުން އަދި ޖަމިއްޔާ ޖަމާއަތްތަކާއި އެކި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން، 150 ޤައުމަކުން ބައިވެރިވެފައިވެއެވެ.
މިފަހަރުގެ ފޯރަމްގައިވެސް ޤައުމުތަކުގެ މެދުގައި ހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމާއި، އިންސާނީ ޙައްޤުތަކާއި، ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި އަދި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކުރިއެވެ.
ކިޔުންތެރިންގެ ހިޔާލު