ނ. ވެލިދޫއަށް މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފެށުމަށް ނިންމާފައިވާ ތާރީޚު ކަނޑައަޅައި، މިއަދުން ފެށިގެން ބުކިން ހެއްދުމަށް ހުޅުވާލައިފިއެވެ.
އެގޮތުން ވެލިދޫއަށް ދަތުރުތައް ފެށުމަށް ނިންމާފައިވަނީ އަންނަ ޖެނުއަރީ މަހުގެ 23ވަނަ ދުވަހުން ފެށިގެންނެވެ. އަދި މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި، އެ ރަށަށް ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހު ޝެޑިއުލް ދަތުރުތައް އޮންނާނެއެވެ.
މިއީ ނ. އަތޮޅުގައި ލޯކަލް ޓުއަރިޒަމް ފުޅާކޮށް، އެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް މަގުފަހިކޮށްދީ އެފަދަ ފަރާތްތަކަށް އެއްބާރުލުން ދިނުމަށް ކުރާ ދަތުރުތަކެއްކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
އަދި މި ދަތުރުތައް ފެށުން ފާހަގަ ކުރުމުގެ ގޮތުން އޮންނަ ޚާއްޞަ ފެއާރގައި ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ 999 ރުފިޔާއަށެވެ.
ޖެނުއަރީ މަހު ވެލިދޫއަށް ދަތުރުތައް ފެށުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ މިދިޔަ ޖުލައި މަހު، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެލިދޫގެ ރައްޔިތުން އެދޭގޮތަށް ވިހަފަރުގައި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައިވިޔަސް، ވެލިދޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޚިދުމަތް ފެއްޓެވުމަށް ނިންމަވާފައިވާކަމަށެވެ.
މިކަމާ ގުޅިގެން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ޙުސެއިން ފާހަގަކުރެއްވި ގޮތުގައި، އެ ރަށަށް ސީޕްލޭން ދަތުރުތައް ފެށުމަށް މިދިޔަ ސަރުކާރުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް އެކަން ހާސިލްނުވެ އުޅެނިކޮށް އެ ސަރުކާރު ނިމުމަކަށް އައީއެވެ.
މީގެ އިތުރުން، ވެލިދޫގައި މިއަންނަ އަހަރު ސީ އެމްބިއުލޭންސްގެ ޚިދުމަތް ފެށުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު