ލަންކާއަށް ދިމާވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމަށް އެހީތެރިވުމަށް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ސިލޯނާއެކު ދިވެހީން ޓެލެތޯނަށް ލިބުނު 8 ލައްކަ ޑޮލަރު ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފިއެވެ.
މި އެހީ ޚާރިޖީ ވުޒާރާއާ ހަވާލުކުރީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީނެވެ. ފައިސާއާ ޚާރިޖީ ވުޒާރާގެ ފަރާތުން ހަވާލުވެވަޑައިގަތީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. މި ޓެލެތޯނަށް ޖުމުލަ 800،352 ޑޮލަރު ލިބިފައިވެއެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ މިއަދު މެންދުރުފަހު 14:00ގައެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިކަން ކުރިއަށްގެންދިޔައީ މިނިވަން އޮޑިޓް ފާމެއްކަމުގައިވާ ކްރޯ މޯލްޑިވްސް ބެލުމުގެ ދަށުން ދެފުށް ފެންނަގޮތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނެގޮތަށެވެ.
ޓެލެތޯންއަށް ލިބުނު ފައިސާ ގުނުމުގެ މަސައްކަތް ކުރީ ބީއެމްއެލްއާއި ކްރޯ މޯލްޑިވްސް ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު