އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ބާއްވާ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.
ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތުގެ ޝަރުތުތައް
1. އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށްވެ، އެފަރާތުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން ނުވަތަ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ ފަރާތެއްނަމަ، އެ ގާނޫނީ ޝަޚްސުގެ ނަމުގައި މަދުވެގެން 50 ހިއްސާ ހުރުން (ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާނަމަ ބޯޑުގެ ގަރާރު ހުށަހެޅުން).
2. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން މަދުވެގެން 3 މަސް ދުވަސް ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތެއްކަމުގައިވުން.
3. ކުންފުނީގެ ގާނޫނު އަދި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން އާންމުކޮށްފައިވާ “ކޯޕަރަޓް ގަވަނަންސް ކޯޑް” (“ސީޖީ ކޯޑް”) ގައި ބަޔާންކުރެވިފައިވާ ފެންވަރުތަކާއި ޝަރުތުތައް (އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ޝަރުތު ހިމެނޭގޮތަށް) ހަމަވާ ފަރާތެއް ކަމުގައިވުން.
4. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އިން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ “ފިޓް އެންޑް ޕްރޮޕާ” މިންގަނޑުތައް ފުރިހަމަވާ ފަރާތެއް ކަމުގައިވުން.
5. ބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުން.
6. ދިވެހިރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓާގައި، އިސް މަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.
7. މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުމާއެކު، ބޯޑު މެންބަރެއްގެ ގޮތުން ކޮށްފައިވާ ހިދުމަތުގެ ރިކޯޑު ފެންނަން އޮތުން.
8. މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، 2 ލިސްޓެޑް ކުންފުންޏަށްވުރެ ގިނަ ކުންފުނީގައި ބޯޑު ޑިރެކްޓަރުގެ މަގާމު މިވަގުތު އަދާކުރަމުންދާ ފަރާތަކަށް ނުވުން.
9. އުރީދޫ މޯލްޑިވްސްގެ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ ބޯޑުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން. ނަމަވެސް މި ފަދަ މަގާމެއްގައި ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއަކާއެކު މަސައްކަތްކޮށްފައިވާ ނަމަ، އެ މަގާމުން ވަކިވެފައިވާތާ މަދުވެގެން 12 މަސް ދުވަސްވުން.
10. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތަކަށް ނުވުން.
11. އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއް ނުވަތަ ރެގިއުލޭޓާއެއްގެ މުވައްޒަފެއްގެ ގޮތުގައި ފާއިތުވީ 12 މަސްދުވަހުގެ ތެރޭގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް ނުވުން.
12. އާއިލާ (ކައިވެނިކޮށްގެން އުޅޭ ފަރާތް އަދި ދަރިން) ގައި ހިމެނޭ އެއްވެސް ފަރާތެއް އުރީދޫ މޯލްޑިވްސް ނުވަތަ ކޮމްޕެޓިޓާއެއްގެ ވަޒީފާ މިވަގުތު އަދާކުރަމުން ނުދިއުން.
13. އެއްވެސް ކަހަލަ ކޮންފްލިކްޓް އޮފް އިންޓަރެސްޓެއް ނެތުން. އަދި ކަންކަމުގައި އިންޑިޕެންޑެންޓް އަދި އިމްޕާޝަލް ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި ފަރާތަކަށްވުން.
14. އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމެޓީގެ ނަޒަރުގައި، ބޯޑު ޑިރެކްޓަރެއްގެ މަގާމު ފުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތަކަށް ވުން. މީގެ ތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ކަންކަން ހިމެނޭނެ.
ހ) ފަންނީ ގޮތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ މުއާމަލާތްތައް ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު ކުރާ ފަރާތަކަށްވުން.
ށ) އެކަށީގެންވާ ނިންމުންތައް ނިންމުމުގެ ހިކުމަތްތެރިކަމާއި ގާބިލުކަން ހުރުން.
ނ) މާލީ ރިޕޯޓުތަކާއި އެހެނިހެން ރިޕޯޓުތައް ކިޔައި ދޭހަވުމުގެ ގާބިލުކަން ހުރުން.
ރ) ކުންފުނި ހިންގުމާއި ބެލެހެއްޓުމުގައި އެކަށީގެންވާ ގޮތެއްގައި އެހީތެރިވެދެވޭނެ ފަރާތަކަށްވުން. މިގޮތުން ވިޔަފާރީގެ ދާއިރާގައި ހޯދާފައިވާ ތަޖުރިބާއާއި ހާސިލުކޮށްފައިވާ ނަތީޖާ/ކުރިއެރުންތަކުގެ ރިކޯޑު ފެންނަން އޮތުން.
ބ) އެހެނިހެން ފަރާތްތަކާއެކު މަސައްކަތްކުރުމުގައި ޒިންމާދާރުކަމާއި ހަރުދަނާކަމާއެކު ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން ހުރުން.
ޅ) ކުންފުނީގެ ހިންގުމުގެ ސްޓެންޑަޑް މަތީ ފެންވަރެއްގައި ހިފަހައްޓައި ހާސިލުކުރުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާ މުއާމަލާތްކޮށް މަޝްވަރާކުރުމުގެ ގާބިލުކަން ހުރުން.
ކ) ތަފާތު އެކި ދާއިރާތަކުގެ ހުނަރުވެރިކަމާއި ތަޖުރިބާގެ ރިކޯޑު ފެންނަން އޮތުމާއެކު ކުންފުނީގެ ކުރިމަގާމެދު ސްޓްރެޓީޖިކްކޮށް މުސްތަޤްބަލަށް ވިސްނުން ބެހެއްޓުމުގެ ގާބިލުކަން ހުރުން.
އުރީދޫ މޯލްޑިވްސް އިން ބުނީ ކުންފުނީގެ ބޯޑުގައި ޖެންޓާ ޑައިވަސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ ކުންފުނިން މަރުހަބާ ކިޔައި ހިތްވަރުދޭ ކަމެއް ކަމަށެވެ.
ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ މޯލްޑިވްސްގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި އަންނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސްއާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު، ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.
ކުންފުނީގެ ހިންގާ ގަވާއިދުގެ 102 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުން ހޮވާ ޑިރެކްޓަރު އެމަގާމުގައި ދެމިހުންނާނީ ޑިރެކްޓަރުކަމަށް އިންތިޚާބުކުރެވޭ އަހަރީ އާންމު ޖަލްސާއިން ފެށިގެން ތިންވަނަ އަހަރީ އާންމު ޖަލްސާގެ ނިމުމާ ހަމައަށެވެ. އެހެންކަމުން، 2026 ވަނަ އަހަރުގެ މާރިޗު މަހުގައި ބާއްވާ އަހަރީ އާންމު ޖަލްސާގައި އިންތިޚާބުކުރާ ޑިރެކްޓަރު، އެ މަގާމުގައި ދެމިހުންނާނީ 2028 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ ނިމުމާ ހަމައަށެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓުން ލިބޭނެ އެވެ.
އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސް (ގްރައުންޑް ފްލޯ) އަށެވެ. އަދި ފޯމު އީމެލް ކުރައްވާނަމަ، [email protected] އަށް އީމެއިލް ކުރުމަށް އުރީދޫން ވަނީ އެދިފަ އެވެ.
އުރީދޫ މޯލްޑިވްސް ޕލކ އިން އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލައި އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 4، 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 އެވެ.
ކިޔުންތެރިންގެ ހިޔާލު