ށ ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ %70 މަސައްކަތް ނިމިފައިވާ ކަމަށް، މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢަކީ ކޮމަންޑޫގެ ބިމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި މަތި ކޮމަންޑޫއިން ބިން ހިއްކައި، ދެ ރަށް ގުޅާލުމަށް ކުރިއަށް ގެންދާ ބިޔަ މަޝްރޫޢެކެވެ.
ކޮމަންޑޫގެ ތަރައްޤީއަށް އިތުރު ބިން ހޯދުމަށް، ރަށާއި އިންވެގެން އޮންނަ މަތި ކޮމަންޑޫއިން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުއެވެ. މި ދެ ރަށް ގުޅާލުމަށް 200 މީޓަރުގެ ކޯޒުވޭއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެމްޓީސީސީން ވިދާޅުވީ، ކޯޒުވޭގެ ކޮންކްރީޓް މަސައްކަތްތަކުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، މުޅި މަސައްކަތުގެ %70 ނިމިފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރޭގައި ހިއްކި ސަރަޙައްދު ޙިމާޔަތް ކުރުމާއި ގުޅޭ ބައެއް މަސައްކަތްތައްވެސް ހިމެނެއެވެ.
މި މަޝްރޫޢުގައި ހިމެނޭ އެހެނިހެން މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ކޮމަންޑޫގައި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތާއި، 1520 މީޓަރުގެ ބޮޑު ހިލައިގެ ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ޖުމުލަ 353 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި އެޅުމާއި، މަތިކޮމަންޑޫގައި 112 މީޓަރުގެ ޖީއޯބޭގު ތޮށި ޤާއިމްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މި ބިޔަ މަޝްރޫޢުއަށް ދައުލަތުގެ ބަޖެޓުން 249 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޮމަންޑޫގެ ތަރައްޤީއަށް ހިންގާ މި މަޝްރޫޢުގެ އިތުރުން، ސަރުކާރުން ވަނީ ށ. ކޮމަންޑޫގައި އެއަރޕޯޓެއް ތަރައްޤީ ކުރުމަށްވެސް ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، އެއަރޕޯޓު މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ ދަށުން 48.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
ށ. ކޮމަންޑޫއަކީ އެންމެ 9 ހެކްޓަރުގެ ކުޑަ ރަށެކެވެ. ރަށުގެ ރެޖިސްޓަރޑް އާބާދީ 1900 އިން މަތީގައި ހުރި ނަމަވެސް، މިހާރު ރަށުގައި ދިރިއުޅެނީ އެންމެ 600 އެއްހާ މީހުންނެވެ. ރަށުގެ ގިނަ ރައްޔިތުން އެހެން ރަށްތަކަށް ހިޖުރަކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް ބިމުގެ ޖާގައިގެ ދަތިކަމެވެ.
ކިޔުންތެރިންގެ ހިޔާލު