އަތޮޅު ކައުންސިލްތައް އުވާލިޔަސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު ޚިދުމަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ މާލެއަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ “ކާފު ފޯރަމް” ފަށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އަތޮޅުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އެއްމޭޒު ދޮށުގައި ތިބެ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށެވެ.
ރައްޔިތުންނަށް ލިބެންޖެހޭ ބާރުވެރިކަން އެންމެ ފުރިހަމަ މާނާގައި ރައްޔިތުންނަށް ލިބުމަށް މެދުވެރި އެންމެބޮޑު ސަބަބަކީވެސް ލާމަރުކަޒީ ނިޒާމު ކަމަށާއި މި ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއްކަން އެންމެންވެސް ޤަބޫލްކުރާއިރު، ރަށެއްގައި ކައުންސިލް ރަނގަޅަށް ހިނގާކަމަށްވާނަމަ އެރަށެއްގެ މުހިންމު ހުރިހާކަމެއް ނިންމަން ޖެހޭނީ ރައްޔިތުންނާއި ވާހަކަދައްކައިގެން ރައްޔިތުންނާއި ގާތުންނެވެ.
އަތޮޅު ކައުންސިލްތައް އުވުނަސް އަތޮޅުތައް އުވާލެވޭ ގޮތަށް އިސްލާހެއް ގެނެސްފައި ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާރު އައި ބަދަލާއެކު ކައުންސިލްތަކުގައި ތިބި މުވައްޒަފުންގެ މަގާމުތަކާއި ވަޒީފާއަކަށް އެއްވެސް ބިރެއް ނެތްކަމުގެ ޔަގީންކަން އާދަމް ޝަރީފް ދެއްވިއެވެ
“އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި އުފެދޭ އިދާރާތައް އުފެދޭނެކަމަށް ޔަގީންކުރަނީ އަދި އެކަން ނިންމާނީ އެލްޖީއޭގެ ބޯޑުގެ ފަރާތުން. މިވަގުތު ބޯޑުގެ ރައީސަކަށްވެސް ހުރީ އަޅުގަނޑު. އަޅުގަނޑުމެން ދައުލަތުގެ ކަމާއި ބެހޭ ފަރާއްތަކާއި މަޝްވަރާކޮށްގެން އަދި މަސައްކަތްތައް ކުރިއަށް ގެންދާއިރު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އިދާރާތައް އުފެދިގެން ދާނީ މިހާރުވެސް އަތޮޅު ކައުންސިލުތައް އޮތް ރަށްރަށުގައި، އެހެންވީމަ އެގޮތަކުން މާބޮޑު ބަދަލުތަކެއް އަންނާނެކަމަށް ނުފެނޭ” ވަޒީރު ވިދާޅުވިއެވެ.
މިއައި ބަދަލާއެކު އަތޮޅުތަކުގައި ދެމުންގެންދާ ޚިދުމަތްތައް ހުއްޓުމެއްނެތި ޔަޤީންކަމާއެކު ދެމުންގެންދާނެކަމަށާއި، މިނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ޔަޤީންކަމާއި އިތުބާރާއި އެކީގައި ކައުންސިލްތަކާއި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު