ބަނގްލަދޭޝްގެ ވެރިރަށް ޑާކާގެ މެދުތެރޭގައި އޮންނަ ޖިފުޓި އަވަށެއްގައި ހިނގި ބޮޑު އާލިފާނުގެ ހާދިސާއެއްގައި އެތައްސަތޭކަ ގެއެއް އަނދާ ހުލިވެ އެތައް ބަޔަކު މަގުމަތި ވެއްޖެއެވެ.
ބަނގްލަދޭޝްގެ ގަޑިން އަންގާރަ ދުވަހުގެ ހަވީރު 5:30 އެހާއިރު އަލިފާން ރޯވެފައިވަނީ ޑާކާގެ މޮހާޚާލީ ސަރަހައްދުގައި އޮންނަ ކަރައިލް ބަސްތީ ޖިފުޓީ އަވަށުގައެވެ.
90 އޭކަރުގެ މި އަވަށަކީ ގާތްގަނޑަކަށް 80،000 މީހުން ދިރިއުޅޭ އަވަށެކެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އަލިފާން ނިއްވާ 20 ލޮރީއާއި އެތައް ފަޔަރފައިޓަރުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭގަނޑު 10:30 ވީ ފަހުންނެވެ.
އަލިފާން ނިއްވާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ކަރައިލް ބަސްތީގެ މަގުތައް ހަނިވެފައި، އަދި ފެން ލިބުމުގައިވެސް ދަތިތަކާ ކުރިމަތިލާން ޖެހުމުންނެވެ.
އަލިފާނުގެ ހާދިސާގައި މީހަކު މަރުވިކަމެއް އަދި އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ކުޑަ ދެކުދިން ގެއްލިގެން ދަނީ ހޯދަމުންނެވެ.
އަލިފާން ރޯވެ ޖިފުޓި އަވަށުގެ އެތައް ސަތޭކަ ގެއެއް ވަނީ އަނދައި ހުލިވެފައެވެ. ބައެއް ރިޕޯޓްތައް ބުނަނި 250 ގެއެއް އަނދައި އަޅިޔަށް ވެފައިވާ ކަމަށެވެ.
ޖިފުޓިތައް ޖެހިޖެހިގެން ހުރުމުން އަލިފާންގަނޑު ވަރަށް ބާރަށް ފެތުރިގެންދިޔަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަލިފާން ރޯވުމާއެކު، އާންމުންވަނީ އެ ހިސާބުގެ މައިދާންތަކަށް ސަލާމަތުން ނުކުމެފައެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
އަލިފާން ރޯވި ކަރައިލް ބަސްތީގެ ވަށައިގެން ހުންނަނީ އުސް އިމާރާތްތަކެވެ. ފަގީރުން ދިރިއުޅޭ ބަސްތީގައި އަލިފާން ރޯވެ އެނދުމުން އެއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ކުރަމުން އެބަ ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު