އިސްތިއުމާރީ އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިއްޔެ ދިން ޓެރަރިސްޓު ހަމަލާގައި އަވަހާރަކޮށްލި ހިޒްބުﷲގެ އިސް ކޮމާންޑަރު ހައިތަމް އަލީ ތަބަތައީގެ ޖަނާޒާ ބެއިރޫގައި މީގެ ކުޑަ އިރުކޮޅެއް ކުރިން ބާއްވައިފިއެވެ.
ހައިތަމް އަލީ ތަބަތައީ އަކީ ބެއިރޫތުގައި ހުންނަވާ ހިޒްބުﷲގެ ޗީފް އޮފް ސްޓާފެވެ.
އިސްރާއީލުން އޭނާ އަވަހާރަ ކޮށްލީ، ބެއިރޫތުގެ ދެކުނުގެ ހަރިތު ހްރެއިކްގައި އޭނާ ހުންނެވި އެޕާޓްމަންޓް އިމާރާތަކަށް ދެ މިސައިލުން ހަމަލާ ދީގެންނެވެ.
މި ހަމަލާގައި 5 މީހުން މަރުވެ، 28 މީހުން ޒަޚަމްވިއެވެ.
މިއީ، ހަމަލާތައް ހުއްޓާލުމަށް ހިޒްބުﷲއާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އިސްރާއީލުން ހަމަލާދީ އަވަހާރަކޮށްލި ހިޒްބުﷲގެ އެންމެ އިސް ކޮމާންޑަރެވެ.
ހައިތަމް އަލީ ތަބަތައީ އަވަހާރަ ކޮށްލުމަށްފަހު އިސްތިއުމާރީ ބާރުން ބުނެފައިވަނީ، އޭނާ އަވަހާރަކޮށްލީ، ހިޒްބުﷲއިން އަލުން ހަތިޔާރު ނަގައި އިސްރާއީލާ ދެކޮޅަށް ހަމަލާދޭން ތައްޔާރުވަމުންދާތީ ކަމަށެވެ.
އިސްރާއީލުން ހިޒްބުﷲގެ ކޮމާންޑަރު އަވަހާރަކޮށްލަން ބެއިރޫތަށް ހަމަލާދިނީ އެމެރިކާއަށްވެސް ކުރިން އެންގުމަށްފަހު ކަމަށް ވެއެވެ.
އެކަމަކު، މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަނީ ހިޒްބުﷲއިން އަލުން ހަތިޔާރު ނަގައި ހަމަލާދޭން އުޅޭ ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް އިސްރާއީލަށް ދެއްކިފައި ނުވާކަމަށެވެ.
އިސްރާއީލުން ހިޒްބުﷲގެ ވެރިންނަށާއި، ހިޒްބުﷲގެ ތަންތަނަށް ކެނޑިނޭޅި ހަމަލާތައް ދެމުން ގެންދަނީ، ހަތިޔާރު ބަހައްޓައި އަމާން ނުދޭނޭ ކަމަށް ހިޒްބުﷲއިން ތަކުރާރުކޮށް ބުނަމުންދާ ބުނުމުގެ މައްޗަށް ކަމަށް، ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
ހިޒްބުﷲގެ ފަރާތުން އަތުވެދާނެ ރައްދު ހަމަލާއަކަށް އިސްރާއީލުގެ އުތުރުގައި ވައިގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ތައްޔާރުވެފައިވާ ކަމަށް އިސްރާއީލުގެ ކާން ޓީވީން ބުނެފައި ވެއެވެ.
ހިޒްބުﷲއިން ރައްދު ހަމަލާ ދީފާނޭ ކަމަށް އިސްރާއީލުން ގަބޫލު ނުކުރާ ކަމަށާއި، އެހެން ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެގޮތުން ތައްޔާރީ ހާލަތު އެކްޓިވޭޓް ކުރެވިފައިވާ ކަމަށް ކާންއިން ބުނެފައި ވެއެވެ.
ހިޒްބުﷲއިން ރައްދު ހަމަލާއެއް ދީފާނޭ ކަމަށް ނުބެލެވޭ ކަމަށް، މަސްރަހް ދިރާސާކުރާ ފަރާތްތަކުންވެސް ބުނެއެވެ. ސަބަބަކީ، އެފަދަ ހަމަލާއެއް ދީފިނަމަ އެމެރިކާގެ ތާއީދާއެކު އިސްރާއީލުން މުޅި ލުބުނާނު ސުންނާފަތި ކުރާނެތީ ކަމަށާއި، އަދި ލުބުނާނު ހިފުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ލުބުނާނުގައި އޮތް ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.
އިއްޔެގެ ހަމަލާއާ ގުޅިގެންވެސް އެމެރިކާއިން ބުނެފައިވަނީ، ހިޒްބުﷲގެ އަތުން ހަތިޔާރު އަތުލަން ލުބުނާނު ސަރުކާރަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށާއި، އިއްޔެގެ ހަމަލާއަކީ އޭގެ ނަތީޖާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު