ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯދާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށް ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ޤާސިމް ވަނީ މި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ތަޢުރީފު ކުރައްވާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހު ނުހަނު ގިނަ ގޮންޖެހުންތަކާއެކުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކާއި، ތަރައްޤީގެ ނާރެހުގައި ޤައުމަށް މާނަހުރި ކުރިއެރުން ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށް ތަޢުރީފު ހައްޤު ކަމަށެވެ.
އަދި، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ރައީސް އެޅުއްވި މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ اللهގެ ރަޙްމަތާއެކު ކާމިޔާބުގެ މަގަށް ދަތުރުކުރާ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ. މިކުރު މުއްދަތުގައި ހާސިލް ކުރި ކާމިޔާބީތަކުން ދައްކުވައިދެނީ ރައީސް ޑރ. މުޢިއްޒުގެ ދުރުވިސްނުންފުޅާއި، ސަރުކާރުގެ އެޖެންޑާ ބައްޓަންކޮށް މަގުދައްކައިދިނުމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތާއި އިޚްލާސްތެރި އެއްބާރުލުންކަން ޔަޤީންކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ރައީސްގެ އިރުޝާދުގެ ދަށުން ރައްޔިތުންނާއި ގާތުން ޚިދުމަތްކުރައްވާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރީންނާއި، ބަދަހި ޕާލިމަންޓްރީ ގުރޫޕަށް މިއުފާވެރި މުނާސަބަތުގައި ސާބަސް ދެއްވާފައެވެ. ޤާސިމްގެ ޕޯސްޓް ނިންމަވާލައްވަމުން ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި ބަރަކާތްލައްވައި، ފާގަތި މުސްތަޤްބަލެއް ދެއްވައި، މި ޤައުމަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު