ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޚާއްސަ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިސްނަގައިގެން މާލޭގެ ސްކޫލްތަކާ ގުޅިގެން ބޭއްވި މި ހިނގާލުން ފަށާފައިވަނީ އަމީނިއްޔާ ސްކޫލުގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވިދާޅުވީ، މި ހިނގާލުމަކީ އަންހެން ކުދިންގެ ޝުޢޫރުތަކާއި މުސްތަޤުބަލާމެދު ގެންގުޅޭ ތަސައްވުރުތައް ހިއްސާކުރުމާއި، އަންހެން ކުދިންގެ އިސްނެގުން ރަމްޒުކޮށްދިނުމުގެ ބާއްވާ ހަރަކާތެއްކަމަށެވެ. އަދި ގައިޑް ހަރަކާތުގެ ތެރެއިން ދަސްކޮށްދޭ ކަންކަމަކީ އަންހެން ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭ މުހިންމު ހަރަކާތްތަކެއްކަން ޗީފް ކޮމިޝަނަރ ވިދާޅުވިއެވެ.

“ލިބޭ ޢިލްމާއި ތަޖުރިބާގެ އަލީގައި ކެރޭ ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި މަސައްކަތްކުރާ ނަމޫނާ ކުދިންކަމުގައި ތިބުމަށް ހުރިހާކުދިންނަށް އިލްތިމާސްކުރަން.” ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ

މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ޗާންދަނީ މަގުން މަޖީދީމަގަށް ގޮސް، މަޖީދީ މަގުން ސޯޝަލް ސެންޓަރާއި ހަމައަށެވެ. މި ހިނގާލުމުގައި މާލޭގެ އެކި ސްކޫލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ގަރލް ގައިޑުން، ލިޓްލް މެއިޑުން، ސްޓަރރުން، ޔަންގް ލީޑަރުން އަދި ލީޑަރުން ވަނީ ބައިވެރިވެފައެވެ. މި ހިނގާލުމުގައި އަންހެން ކުދިން ވަނީ އެކުދިންގެ ތަފާތު ޝުޢޫރުތައް އަދި ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ތަފާތު ބެނާތަކާއި ޕޯސްޓަަރުތައް ބޭނުންކޮށްފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިއަދު މި ހިނގާލުން ވަނީ ކުރިއަށްގެންގޮސްފައެވެ. ހުޅުމާލޭގައި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ސިންތެޓިކް ޓްރެކުގައެވެ.

ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ “ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް” މިއެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކޮށް، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި

ޑިޖިޓަލް ޕްލެޓްފޯމްތައް، އަންހެނުންނަށް ރައްކާތެރި ތަނަކަށް ހަދަންޖެހޭ: ސާޖިދާ

އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ މުޖުތަމަޢަށް ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ

TTH_advertisement