ސައުދީ އަރަބިއްޔާއިން ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް 300 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.
މި ފުރުސަތުތަކަކީ އެ ގައުމުގެ ޔުނިވާސިޓީތަކުން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް 11 ދާއިރާއަކުން ލިބޭ ފުރުސަތުތަކެކެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ޖުމްލަ 318 ޑިގްރީ ފުރުސަތަށް ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
މި ސްކޮލަޝިޕްތަކަށް ހުޅުވާލާފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، މީޑިއާއާ ގުޅުން ހުރި ދާއިރާތައް، ކޮމްޕިއުޓާ ސައިންސް ސްޓަޑީޒް، އަދި ލޯ ސައިންސް ހިމެނެ އެވެ. މީގެ އިތުރުން އެޑިއުކޭޝަނަލް ސްޕެޝަލިޓީސް، ސޯޝަލް ސައިންސަސް، ދަނޑުވެރިކަން، އިކޮނޮމިކް އަދި ޕޮލިޓިކަލް ސްޓަޑީޒް، އިންޖީނިއަރިން މޭޖާ، އިސްލާމިކް ފީލްޑް ސްޓަޑީޒް، އަދި އަރަބިކް ސްޓަޑީޒް އަދި ބޭރުގެ އެހެން ބަސްތަކާ ގުޅުން ހުރި ދާއިރާތައް ވެސް ހިމެނެ އެވެ.
ސައުދީގައި ހުރެގެން ކިޔެވުމުގެ ފުރުސަތުގެ އިތުރުން، އެ ގައުމުން ވަނީ ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ވެސް ހިލޭ ޑިޕްލޮމާ ކިޔެވުމަށް ހުޅުވާލައިފަ އެވެ. މި ފުރުސަތު ހަމައެކަނި ފިރިހެނުންނަށް ހާއްސަކޮށްފައިވާއިރު، ފުރުސަތަށް އެދުމަށް ދެ ހަފުތާގެ މުއްދަތެއް ވަނީ ދީފަ އެވެ.
އެމްބަސީގެ އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ކެމްޕަހުގައި ކިޔަވައިދޭނީ އަރަބި ބަހަށް ތައްޔާރުވުން ކަމަށެވެ. ދެ އަހަރުގެ މުއްދަތަށް ގެންދާ މި ކޯހުގެ ކިޔެވުން ފަށަނީ އަންނަ ޑިސެމްބަރު މަހުގެ 28 ގައެވެ.
ކިޔުންތެރިންގެ ހިޔާލު