ކުއްލި ޚަބަރު

ރާއްޖެ ސަރަހައްދުން ލަންކާގެ 2 މަސް ބޯޓު ހިފަހައްޓައިފި

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވާންޖެހޭ: ޚުޠުބާ

hukuru khuthuba

ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުންކަމަށާއި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވާންޖެހޭ ކަމަށައި އިސްލާމް ދިނަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީންކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ “ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމްދީން” މި މައުޟޫއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ބާއްޖަވެރިކަމަކީ، އިންސާނުން އެ ނިޢުމަތެއް ހޯދުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ނިޢުމަތް ކަމަށެވެ. ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް، ތަފާތެއް ނެތް ކަމަށާއި އެ އެންމެން ވެސް ބޭނުންވަނީ ބާއްޖަވެރިކަމާއި އުފާވެރިކަން ކަމަށް ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ގިނަ ބަޔަކު، ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަން ކަމަށެވެ. ނަމަވެސް ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށާއި މި ކަންކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުން ނޫނީ މިކަންކަން ޙާޞިލެއްނުވާނެ ކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތުގައި ވަނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައެވެ. އެގޮތުުން މި ޝަރީޢަތުގައި ފަޤީރުންނާއި ޔަތީމުންނާއި، އަންހެނުންނާއި ކުޑަކުދީންނާއި ޣައިރުމުސްލިމުންނަށް ވެސް ދުނިޔޭގެ އެއްވެސް ނިޒާމެއްގައި ނުދޭހާ ފުރިހަމައަށް، އެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.

“ހަމަ އެހެންމެ އިސްލާމީ ޝަރީޢަތްވަނީ މީސްތަކުންގެ ކިބައިގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންނެވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައި. މީގެ އިތުރަށް ވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢުކުރައްވާފައި. މި ފަދަ ފުރިހަމަ ނިޒާމެއް، ފަލްސަފާއެއް ނުވަތަ އުޞޫލެއް އިސްލާމްދީން ފިޔަވައި މި ދުނިޔެއަކު، ނުވޭ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ނިޢުމަތަށް އިންސާނާ ގެންދާ ދީން.” ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޚުޠުބާގައި ވިދާޅުވީ ބާއްޖަވެރިކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއްނޫން ކަމަށެވެ. އެގޮތުން އެއީ އީމާންކަމުގެ މޭވާއާއި، ދީނަށް އުޅުމުގެ ނަތީޖާއާއި ކެތްތެރިކަމުގެ ޖަޒާއާއި އަދި އެއެކަލާނގެ ޙަޟުރަތުން އަންނަ ތައުފީޤެއް ކަމަށް ވިދާޅުވިއެވެ.

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދޭ ނަމަ، މާތް اللهއަށް ތަޤުވާވެރިވުމަށާއި، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވެ ބާއްޖަވެރިކަން ލިބިގަތުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. ބާއްޖަވެރިކަންވަނީ ހަމައެކަނި ދުނިޔެ ޙާޞިލުކުރުމަކުން ނޫން ކަމަށާއި އެ ކަން ވަނީ އެކަލާނގެއަށް ބޯލަނބައި ކިޔަމަންތެރިވެ، އަޅުވެތިވުމުގައެވެ. އަދި ބާއްޖަވެރިކަން ވަނީ މީސްތަކުންގެ ރުހުން ލިބުމުގައި ނޫން ކަމަށާއި ބާއްޖަވެރިކަން ވަނީ އެކަލާނގެ ރުހިވޮޑިގަތުން ލިބުމުގައި ކަމަށްވެސް ހުކުރު ޚުޠުބާގައިވަނީ ހަނދާންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hukuru khuthuba

މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނޭ ކަމެއް: ހުތުބާ

TTH_advertisement