އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ ވާދަވެރި އިންތިޚާބު، އަމިއްލަގޮތުން ވާދަކުރެއްވި އެންޑްރޫ ކޮއޯމޯއާއި، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީން ވާދަކުރެއްވި ކާރޓިސް ސްލިވާ ބަލިކުރައްވައި ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި ކަމަށް، އެސޯސިއޭޓެޑް ޕްރެސްއާއި، ފޮކްސް ނިއުސްއާއި، އެންބީސީގެ ލަފާކުރުންތަކުން ދައްކައިފިއެވެ.
މިއާއެކު، މަމްދާނީ އިންތިޚާބު ކާމިޔާބު ކުރައްވައިފިކަން ގާތްގަނޑަކަށް މިވަނީ ކަށަވަރުވެފައެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަން ފެށުމާއެކު، ވެރިކަންކުރާ ޕާޓީން ވާދަކުރައްވާ ކާރޓިސް ސްލިވާ ވަނީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވާފައެވެ. އަދި މަމްދާނީއަށް މަރްހަބާ ވިދާޅުވެފައެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ޕްރައިމެރީން ބަލިވުމުން އަމިއްލަގޮތުން ވާދަކުރެއްވި އެންޑްރޫ ކުއޯމޯ އަދި ބަލި ގަބޫލެއް ނުކުރައްވައެވެ.
ކުއޯމޯ އިއްޔެވެސް ވަނީ މަމްދާނީއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށާއި، އޭނާ މަގާމަށް އަތުވެއްޖެނަމަ ނިއުޔޯކް ސިޓީ ހަލާކުކޮށްލާނެ ކަމަށް ބުނެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ނުކުމެ މަމްދާނީ ބަލިކުރުމަށް ގޮވާލާފައެވެ.
އުމުރުފުޅުން 34 އަހަރުގެ ޒޮހްރާން މަމްދާނީ ވެވަޑައި ގަންނަވާނީ އެމެރިކާގެ އެންމެ ބައިބޯ ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރަށެވެ.
ޒޮހްރާން މަމްދާނީއަށް ނިއުޔޯކް ސިޓީގެ ރައްޔިތުން އެހާ ބޮޑު ތާއީދެއްދީ، އޭނާގެ ކެމްޕެއިންގައި ވެސް މީހުން ބައިވެރިވާން ފެށީ އެނާގެ ޕްލާނަށް ތާއީދުކުރާތީއެވެ.
އެހެން ކެންޑިޑޭޓުންނާ ޚިލާފަށް މަމްދާނީ ހުށަހެޅި ކަންކަމުގެ ތެރޭގައި، ޗައިލްޑްކެއަރ، ބަހުގެ ޚިދުމަތް، ދަތުރުފަތުރު ހިލޭ ފޯރުކޮށްދިނުމާއި، ކުލީގެ މައްސަލަ ހައްލުކުރުމެވެ.
އިންތިޚާބުގެ ރަސްމީ މޭރުމަކުން ސޯޝަލް މީޑިއާގައި ވީޑިއޯއެއް ޕޯސްޓެއް ކުރައްވާފައެވެ. ވީޑިއޯގައި ވިދާޅުވަނީ އޭނާގެ މަންޒިލަކީ ސިޓީ ހޯލް ކަމަށެވެ.
ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި މަމްދާނީ ކާމިޔާބީ އިއުލާން ކުރައްވާނީ ސިޓީ ހޯލް ސަރަހައްދުގައި ކަމަށް ވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ، ނިއުޔޯކް ސިޓީގެ ރައްޔިތުން މަމްދާނީ މޭޔަރަކަށް އިންތިޚާބު ކޮށްފިނަމަ މަރުކަޒީ ސަރުކާރުން އެ ސިޓީއަށްދޭ ފަންޑު ހުއްޓުވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.
ރައްދުގައި މަމްދާނީ ވިދާޅުވީ، އެއީ އެމެރިކާގެ ރައީސްގެ އިންޒާރުތައް ކަމަށާއި، މޭޔަރުގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރައްވާނީ ގާނޫނީގޮތުން އެކަން ހުއްޓުވިދާނެތޯ ބަލައި އެކަމާ ދެކޮޅަށް ކަމަށެވެ. ޓްރަމްޕާ ކުރިމަތިލާން ތައްޔާރަށް ހުންނެވި ކަމަށްވެސް މަމްދާނީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު