ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހަރުދަނާ ކުރުމުގެ ގޮތުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، ހއ. ހަނިމާދޫގައި ޤާއިމްކުރި ބަޔޯޕްލާސްޓިކް ކޮތަޅު އުފެއްދުމުގެ މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި މަރުކަޒަކީ ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (ސިގްސް) އިން ޤާއިމްކުރި ތަނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މާރިޔާ ވަނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ޕެކޭޖިންގ ނިޒާމެއް ތަޢާރަފުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ހާމަކުރައްވާފައެވެ. މީގެ މަޤްޞަދަކީ ދިވެހި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް، ބޭރުގެ އިމްޕޯޓަށް ބަރޯސާވުން ކުޑަކޮށް، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ސާފު ކަނޑުތަކާއި ނާޒުކު ވެއްޓަށް ޕްލާސްޓިކްގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވެއެވެ. ސިގްސްއިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން އެކަނިވެސް ހާމަވެފައިވަނީ، ގޭބިސީތަކުން އަހަރަކު 3 މިލިޔަނަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ބޭނުންކުރާކަމާއި، މި ކޮތަޅުތައް މުޅިން ފަނާވުމަށް 20 އަހަރު ހޭދަވާކަމެވެ.
މީގެ އިތުރުން ވަޒީރު މާރިޔާ ވަނީ، ސައިންޓިފިކް ދިރާސާތަކުން މައިކްރޯޕްލާސްޓިކް ކުނޑިތައް އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތަކާއި ލޭގެ ނިޒާމުގައި ދައުރުވާ ކަމުގެ ހެކިތައް ފެންނަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މި ނުރައްކާތެރި މާއްދާތައް ހަށިގަނޑަށް ވަންނަނީ ނޭވާލާ ނިޒާމާއި، ކާނާއާއި، ބޯފެން މެދުވެރިކޮށެވެ. މިއީ ދުޅަހެޔޮ ޞިއްޙަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހަނިމާދޫގައި ހުޅުވުނު ބަޔޯޕްލާސްޓިކް މަރުކަޒަކީ މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ އަމަލީ ނަމޫނާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. މިތަނުން އުފައްދާ ބަޔޯޕްލާސްޓިކް ކޮތަޅުތަކަކީ އާންމު ޕްލާސްޓިކް ކޮތަޅުތަކެކޭ އެއްފަދައިން ބޭނުންކުރެވޭ، އެހެނަސް ތިމާވެށްޓާ ރައްޓެހި އަދި ގުދުރަތީގޮތުން މުޅިން ފަނާވެދާނެ ބާވަތެއްގެ ތަކެއްޗެވެ.
ސިގްސްއިން ދިވެހިރާއްޖޭގެ ދަނޑުވެރިކަމުން އުފެދޭ ކުންޏާއި ގޭބިސީތަކުން އުފެދޭ ކުނި މެނޭޖްކުރުމަށް ދިރާސާކުރަމުންދާކަން ވަޒީރު މާރިޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ކާބޯތަކެތީގެ އިސްރާފު މަދުކުރުމާއި، ޤައުމުގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
މި މަޝްރޫޢަކީ ވޯލްޑް ބޭންކްގެ “ޕްލީޒް” އިނީޝިއޭޓިވްގެ ދަށުން މާލީ އެހީތެރިކަން ލިބި، ސެކެޕް އަދި ޔުނޮޕްސްއާ ގުޅިގެން ތަންފީޒުކުރެވިފައިވާ މަޝްރޫޢެކެވެ. ވަޒީރު ވިދާޅުވީ މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ޢިލްމީ ތަޖުރިބާއާއި ރަށުފެންވަރުގެ އީޖާދީ ޚިޔާލުތައް އެއްކޮށްގެން ޙާޞިލުކުރެވިދާނެ ކަންކަމުގެ ނަމޫނާއެއްކަމަށެވެ.
ދިވެހި ސަރުކާރުން ދަނީ ދިވެހިންގެ އަމިއްލަ އުފެއްދުންތައް އިތުރުކޮށް، އެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓް ހޯދައިދިނުމަށް ބޮޑު އިސްކަމެއް ދީ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން، ދިވެހި އުފެއްދުންތަކުގެ ޕެކޭޖިންގ ފެންވަރު ރަނގަޅުކުރެއްވުމަށްވެސް ވަނީ މަސައްކަތް ފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު