ތިންވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން މިއަދު ވަނީ އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ޖުމުލަ އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު އަށް ޕަސެންޓުގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނީ ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލުގެ ވިޔަފާރި ރަނގަޅުވެ، ވިކުނު ތެލުގެ އަދަދު އިތުރުވެފައިވުމުން ކަމަށާއި އެއާއެކު ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ވެސް ވަނީ އަށް ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.
އާމްދަނީ އިތުރުވުމާއެކު ޖުމުލަ ފައިދާ ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރުގައި ޖުމުލަ ފައިދާގެ ގޮތުގައި ވަނީ 604 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ އިން ބުނީ ތިންވަނަ ކުއާޓަރުގައި ވިއްކުމާއި މާކެޓް ކުރުމުގެ ހަރަދުން ލީސް އެޖަސްޓްކުރުމަށްފަހު ހިންގުމާއި ފައިނޭންސް ކުރުމުގެ ހަރަދު ރީކްލެސިފައި ކުރެވިފައިވާ ކަމަށާއި އެއާއެކު ޖުމުލަ ހިންގުމުގެ ހަރަދު ވަނީ 367 މިލިއަނުން 358 މިލިއަން ރުފިޔާއަށް ދަށްކުރެވިފައި ކަމަށެވެ. އެއާއެކު ހިންގުމުގެ ފައިދާ 23 ޕަސެންޓު އިތުރުވެ، ހިންގުމުގެ ފައިދާގެ ގޮތުގައި 290 މިލިއަން ރުފިޔާ ރެކޯޑްކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޖުމުލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ދަށްވުމާއެކު ޓެކުހަށް ކެނޑުމުގެ ކުރިން ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 230 މިލިއަން ރުފިޔާ ލިބިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 186 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު 14 ޕަސެންޓު އިތުރުވުމެކެވެ.
ކިޔުންތެރިންގެ ހިޔާލު