އިނގިރޭސި ވިލާތުގެ ލަންޑަނުގައި ބާއްވާ އަހަރުގެ އެންމެ ބޮޑު ޓްރެވަލް އެންޑް ޓްރޭޑް ފެއާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް 2025)ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމަށް ތައްޔާރުވެއްޖެއެވެ.
މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކޮންމެ އަހަރަކު ޝާއިއުކޮށް ނެރޭ “މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2026” ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ އަހަރަކުވެސް އެ ކޯޕަރޭޝަނުން ނެރެމުން އަންނަ ޑެސްޓިނޭޝަން ގައިޑަކީ ރާއްޖޭގައި ފަތުރުވެރިންނަށް ހުންނަ އެކި ފުރުސަތުތަކުގެ އެންމެ ފަހުގެ އަދާހަމަޔާ އެކު، ރާއްޖޭގެ ރަށްރަށާ ބެހޭ މައުލޫމާތާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތާއި، ޓްރެވަލް ސްޓޯރީތަކާއި، އިންޑަސްޓްރީ ކޮންޓެކްޓްތައް ހިމެނޭ ޑެސްޓިނޭޝަން ގައިޑެކެވެ.
މުޅި ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވެސް އަހަރުގެ އެންމެ ވަރުގަދަ ފަތުރުވެރިކަމުގެ އެއް ފެއާކަމުގައި ބަލައިގަންނަ ޑަބްލިއުޓީއެމްގައި ބައިވެރިވެ، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގިނަ ފަރާތްތަކަކާ ބައްދަލުވެ، ރާއްޖެއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރުމުގެ ފުރުސަތު މި ފެއާގެ ތެރެއިން ލިބޭނެއެވެ.
މިއަހަރުގެ ޑަބްލިއުޓީއެމް ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބެނާގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން، 160 ފަރާތެއް ބައިވެރިވެއެވެ.
މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގާއިމްކުރާ 650 ސްކޮޔާ މީޓަރުގެ ސްޓޭންޑުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭނެ އެވެ. މި ސްޓޭންޑުގައި 46 ކޯ-އެގްޒެބިޓަރ ކައުންޓަރާއި، 55 ބީ2ބީ މީޓިންގ ޓޭބަލްގެ އިތުރުން، އިންޑަސްޓްރީ މީޓިންތަކަށް ހާއްސަ ތިން އޭރިއާއެއް ގާއިމްކޮށްފައި ވާނެއެވެ. މި ސްޓޭންޑު ފަރުމާކުރުމުގައި، ދޭދޭ ކުންފުނިތަކުގެ ގުޅުން ވަރުގަދަކުރެވޭނެ ގޮތަށް އިންތިޒާމްތަމް ގާއިމްކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހަމަ އެހެންމެ މި ސްޓޭންޑުގައި މައުލޫމާތު ދިނުމަށް ދެ ކައުންޓަރެއް ހާއްސަކޮށްފައިވާއިރު، ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖެއާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެކި އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި ފެއާއަށް ޒިޔާރަތް ކުރާ މީހުންނާ ރާއްޖޭގެ ސްޓޭންޑުގެ އެންގޭޖްމެންޓު ވަރުދަކޮށް ޝައުގުވެރިކަން ހިފެހެއްޓުމަށް، ލިވަޕޫލް އެފްސީގެ ހާއްސަ ފޭން ޒޯނެއް ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ހިތްގައިމު ކަނޑުއަޑީގެ ދިރުންތަކުގެ އިތުރުން ރާއްޖެއިން ފަތުރުވެރިންނަށް ހުރި އެކި ފުރުސަތުތައް ދައްކުވައިދޭ ހޮލޮގްރަފިކް ޑިސްޕްލޭ އެއްވެސް މި ސްޓޭންޑުގެ އިންޓަރެކްޓިވް ޒޯންގައި ބެހެއްޓާނެ ކަމަށް ވީއެމްސީން ބުނެއެވެ.

“މިއަހަރުގެ ޑަބްލިއުޓީއެމް ލަންޑަން ވެގެންދާނީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކާ ރާއްޖޭގެ ގުޅުން ވަރުދަކޮށްދޭނެ ފަހި ފުރުސަތަކަށް. މި ފެއާގެ މިއަހަރުގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ، 2026 ވަނަ އަހަރަށް މި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޑެސްޓިނޭޝަން ތީމް “އޯޝަން ނޭޝަން” ލޯންޗުކުރެވުން. މި ތީމަކީ ރާއްޖެއާ ކަނޑުފަޅާ ގުޅިފައިވާ މިންވަރާއި މުހިންމުކަން އަދި ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ތީމެއް” ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން 2026 ވަނަ އަހަރު ފަށަން ތައްޔާރުވެފައިވާ “އޯޝަން ނޭޝަން” ކެމްޕޭނަކީ ރާއްޖެއާ ކަނޑުފަޅާއި އެތަންތަނުގައިވާ ދިރުންތަކާ ގުޅުވައިދޭ މިންވަރު ރަމްޒުކޮށްދޭ ހަރަކާތެކެވެ. ކަނޑުފަޅާ ގުޅުވައިދޭ ހަށިހެޔޮކަމާއި، ކަނޑުފަޅުގެ އާސާރީ އަދި ތަރިކަތަކާއި، ރާއްޖެއިން ކަނޑުފަޅުގެ ރައްކާތެރިކަމަށް ކުރާ ތިމާވެއްޓާ ގުޅުންހުރި އެކި މަސައްކަތްތަކާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ހިތްގައިމުކަމަށް މި ކެމްޕޭނުގެ ތެރެއިން އަލިއަޅުވާލާނެއެވެ.
ކިޔުންތެރިންގެ ހިޔާލު