އިސްރާއީލުގެ ހަރުކަށި ފައިނޭސް މިނިސްޓަރު ބެޒަލެލް ސްމޮރިޗް މީގެ ހަތަރު ވަރަކަށް ދުވަސްކުރިން ސައުދީ އަރަބިއްޔާއަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުން، އިސްރާއީލުގެ އެތެރެއިން ކުރިމަތިވި ޕްރެޝަރުތަކާހެދި އިރުކޮޅެއްތެރޭ ސައުދީ އަރަބިއްޔާގެ ކިބައިން މައާފަށް އެދުމަށްފަހު، އަނެއްކާވެސް ސައުދީ އަރަބިއްޔާއާ ދިމާކޮށްލައިފިއެވެ.
ސްމޮރިޗް ބުނީ، އެންމެން ސައުދީ އަރަބިއްޔާއަށް ކުރުނީސް ކުރަމުންދާ ކަމަށާއި، އިސްރާއީލު ސިފައިންނަށް އަމާޒުކޮށް ސައުދީ އަރަބިއްޔާއިން ދައްކާ ވާހަކަތައް އިސްރާއީލު މީހުންނަށް އެއްވެސް އެއްޗަކަށް ނުވާ ކަމަށެވެ.
އިސްރާއީލު ސިފައިންނަކީ ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގާ ބައެއް ކަމަށް ސައުދީ އަރަބިއްޔާއިން ބުނުމުންވެސް، އެއީ ބޮޑު ކަމަކަށް ބައެއް މީހުންނަށް ނުވާ ކަމަށާއި، އެކަމަށް އެއްޗެއް ނުބުނާ ކަމަށެވެ.
ސައުދީ އަރަބިއްޔާއާ ދިމާއަށް އޭނާ އެއްޗެއް ބުނުމުން، އައި ޕްރެޝަރަކީ ހައިރާންވާވަރުގެ ޕްރެޝަރުތަކެއް ކަމަށް ސްމޮރިޗް ބުނެފައި ވެއެވެ.
ސްމިރިޗް ބުނީ، ސައުދީ އަރަބިއްޔާއާ ނުލައި އިސްރާއީލަށް 77 އަހަރު އޮވެވިއްޖެ ކަމަށާއި، އަނެއް 77 އަހަރުވެސް އޮވެވިދާނެ ކަމަށެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސްމޮރިޗް ބުނެފައިވަނީ، އިސްރާއީލާ ސިޔާސީ ގުޅުން އުފެއްދުމުގެ ޝަރުތަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުން ކަމަށް ސައުދީ އަރަބިއްޔާއިން ބުނާކަމަށް ވާނަމަ ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުމުގެ ވާހަކަ ހަނދާން ނައްތާލުން ރަނގަޅުވާނޭ ކަމަށެވެ.
މަލާމާތެއްގެ ގޮތުން އޭނާ ބުނެފައިވަނީ، ސައުދީ އަރަބިއްޔާއިން “ޖަމަލު ދުއްވުމާއިގެން ކުރިއަށްދިއުން” ރަނގަޅުވާނެ ކަމަށެވެ.
އޭނާގެ މި ވާހަކަތަކަށް އިސްރާއީލުގެ އިދިކޮޅު ލީޑަރުންނާއި، ސިޔާސީ ފަރާތްތަކުން ފާޑުކިޔާފައި މައާފަށް އެދުމަށް ގޮވާލިއެވެ.
އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓްޒް ބުނެފައިވަނީ، ސްމޮރިޗް ދެއްކީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި، ބައިނަލްއަގްވާމީ ގުޅުންތަކުގެ ޒިންމާތައް އޭނާއަށް ނޭނގޭކަން އެ ވާހަކަތަކުން ހާމަވާ ކަމަށެވެ.
ސައުދީ އަރަބިއްޔާއާ އާދައިގެ ގުޅުމަކަށް ދިއުމަށް އިސްރާއީލު އަބަދުވެސް ބޭނުންވާ ކަމެކެވެ. އަދި އެކަމަށް އެމެރިކާއިންވެސް ގަދައަޅައި ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ޚާއްސަކޮށް އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އައިފަހުން، ސައުދީ އަރަބިއްޔާއާއި، އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރުމަށް ޓްރަމްޕް ކެނޑިނޭޅި ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ސަބަބަކީ، ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން އުފައްދައިފިނަމަ މުޅި އަރަބި އަދި އިސްލާމީ އުންމަތުގެ ގައުމުތައް އިސްރާއީލާ ގުޅުން ގާއިމްކުރާނެ ކަމަށް އެމީހުން ގަބޫލުކުރާތީއެވެ.
އިސްރާއީލާ ގުޅުން އުފެއްދުމަށް، ފަލަސްތީނުގެ މިނިވަން ދައުލަތް އުފެއްދުން ޝަރުތުކުރާތީ ނަތަންޔާހޫ ރުޅިއައިސްގެން މިދިޔަ އަހަރުގެ ތެރޭގައިވަނީ، ފަލަސްތީނު މީހުންނަށް ސައުދީ އަރަބިއްޔާގެ ސަހަރާތެރޭގައި ދައުލަތެއް އުފައްދައިދިނުމަށް ގޮވާވެސްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު