ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ އިސްރާއީލުން މިއަދުވެސް ޣައްޒާއަށް ޑްރޯން ހަމަލާއެއް ދީ ދެމީހުން ޝަހީދު ކޮށްލާފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ޑްރޯން ހަމަލާއެއް ދީފައިވަނީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަބްސަން އަލް ކަބީރާ ސަރަހައްދަށެވެ.
މި ހަމަލާއާ ގުޅޭގޮތުން އިސްތިއުމާރީ އަސްކަރިއްޔާއިން އެއްވެސް އެއްޗެއް ނުބުނެއެވެ.
ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، ޣައްޒާގެ އެކި ހިސާބުތަކަށް އިސްތިއުމާރީ ސިފައިން ހަމަލާދީ ވެތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި 8 މީހުން ޝަހީދުކޮށް 13 މީހުން ޒަޚަމްކޮށްލާފައިވާ ކަމަށެވެ.
ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެވުނު އެއްބަސްވުމަށް މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައި ވީނަމަވެސް، ޓެރަރިސްޓުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް މަދުވި ނަމަވެސް ހުއްޓައެއް ނުލައެވެ.
އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއިން ސަތޭކައަށްވުރެ ގިނަމީހުން ޝަހީދުކޮށް އެތައްސަތޭކަ ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް އިސްތިއުމާރީ ސިފައިންވަނީ ޣައްޒާގައި ވަރުގަދަ އަސްކަރީ އުދުވާނުތަކެއް ހިންގާފައެވެ. މިއީ، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ ވެރިޔަކު އަވަހާރަކޮށްލަން ހިންގި އުދުވާނެކެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ މިއަދު ބުނީ، އެއީ އިސްރާއީލުން އެއްބަސްވުމާ ޚިލާފްވުން ކަމަށް އެމެރިކާއިން ނުދެކޭ ކަމަށެވެ.
އިސްރާއީލަށް ނުރައްކަލެއް އަތުވެދާނެ ކަމަށް ފެންނަ ކޮންމެ ވަގުތަކު ހަމަލާދިނުމުގެ ހައްގު އިސްރާއީލަށް ލިބިގެންވާ ކަމަށްވެސް ރޫބިއޯ ބުނެފައި ވެއެވެ.
އިސްރާއީލުން ޣައްޒާއަށް ހޮނިހިރު ދުވަހު ވަރުގަދަ ހަމަލާތަކެއް ދިނީ، އިސްލާމިކް ޖިހާދުން އިސްރާއީލަށް ހަމަލާދޭން އުޅޭ ކަމަށް ތުހުމަތު ކޮށެވެ. ނަމަވެސް، އެ ޖަމާއަތުން ވަނީ އިސްތިއުމާރީންގެ ވާހަކަތައް ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު