އެހެން ރަށްރަށުން ލ. ގަމަށް ހިޖުރަކުރި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުދީ ވަރަށް އަވަހަށް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށަކީ އެހެން ރަށްރަށުން މީހުން އެރަށަށް ހިޖްރަކޮށް، ދިރިއުޅެމުންދާ ރަށަކަށްވާއިރު އަދުލުވެރިކަމުގެ ތެރެއިން އިންސާފުވެރިކަން ގާއިމްނުވެ ހުރި ކަންތައްތަކެއް ހުރި ރަށެއްކަމަށެވެ. މީހުން ބަދަލުކުރާއިރު ސަރުކާރުން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތަކީ ބަދަލުގެ ފައިސާއެއްގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ހަވާލުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެކުރިން ކަނޑައަޅާފައި އޮންނަނީ ބަދަލުގެ ގޮތުގައި 50،000 ރުފިޔާ ދިނުމެވެ. ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތްގޮތަށް ވަރަށް އަވަހަށް އެ ފައިސާ ދައްކައި ޚަލާސްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
“169 ފަރާތެއް މި ފައިސާ ލިބެންޖެހޭކަން އަޅުގަނޑުމެންނަށް ރަސްމީކޮށް މިހާރު މިނިސްޓްރީއަށް ލިޔެކިޔުމުން ލިބިފައި އެބައޮތް. އެއީ ގާތްގަނޑަކަށް 8.45 މިލިޔަން ރުފިޔާ 50،000 ރުފިޔާގެ ރޭޓުން. އެ ފައިސާ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައި. ދެން ފިނޭންސް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީގެ ޓީމެއް މިރަށަށް ދާދި އަވަހަށް އަންނާނެ. އައިސް ލިބޭ ފަރާތްތަކާއި ބައްދަލުކޮށް އެ ފަރާތްތަކާއި ތަފްސީލްތައް އިތުރަށް އޮޅުންފިލުވާ އެ ބޭފުޅެއްގެ ބޭންކް އެކައުންޓް ހޯދައި ސީދާ އެ އެކައުންޓަށް ޖަމާކުރުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ.” ރައީސް ވިދާޅުވިއެވެ.
އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމަށް ހައުސިން ޔުނިޓްތައް އެޅުމަށް ސަރުކާރުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު