މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
ޒާޔާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މާދަމާގެ ހެނދުނު 11:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ސީސީޓީވީ ފުޓޭޖް ކޮމްޕެރިސަން ސާމްޕަލް ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށާއި އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށް ކަމަށް އެ ޗިޓްގައިވެ އެވެ.
ޒާޔާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
ފުލުހުންގެ ގަޔަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކޮށްގެން ޖަހާނެ ކަމަށް ބުނެ އިންޒާރުދިން ކަމުގެ ތުހުމަތުގައި ވެސް މީގެކުރިން ފުލުހުން ވަނީ ޒާޔާގެ ފޯނު ހިފަހައްޓާފަ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭނާގެ ފޯނު މިހާރު ވަނީ ހަވާލުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު