ލ. ހިތަދޫ އަދި އެ އަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހިތަދޫ ކުނަހަންދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު ހިތަދޫއަށް ވަޑައިގަތުމުންނެވެ.
މި ރަސްމިއްޔާތުގައި އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ، އޮނަރަބަލް ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔަރޑް
އަޙުމަދު ސަޢުދީ އާއި، ހިތަދޫ އާއި ކުނަހަންދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، ކުނަހަންދޫ އާއި މެންދޫއާއި ދޭތެރޭ 210 މީޓަރުގެ ކޯޒްވޭއަކާއި މެންދޫއާއި ހިތަދޫއާއި ދޭތެރޭ 75މީޓަރުގެ ކޯޒްވޭއެއް ޤާއިމުކުރެވޭނެއެވެ. އަދި ދުއްވާ ސަރަޙައްދުގެ ފުޅާ މިނަކީ 7.80 މީޓަރެވެ. މީގެ އިތުރުން، 390 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.
މިއީ، 81.22 މިލިއަން ރުފިޔާއަށް 500 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ހިޔާލު