ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ދާން ބޭނުން ނުވާކަމަށް އިސްތިއުމާރީ އިސްރާއީލުން އެމެރިކާ ސަރުކާރަށް އަންގައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ދެވަނަ ފިޔަވައްސަށް ދާން ބޭނުން ނުވާކަމަށް އިސްރާއީލުން އެންގީ، މަރުވެފައިވާ އިސްރާއީލު ހުރިހާ ގައިދީންގެ ހަށިތައް ހަމާސްއިން އިސްރާއީލާ ހަވާލުކޮށްފައި ނުވާކަމަށް ބުނެއެވެ.
ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި، ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލު ގައިދީންގެ ތެރެއިން މަރުވެފައިވާ 28 މީހުންގެ ހަށިތައްވެސް އިސްރާއީލާ ހަވާލުކުރަން ޖެހެއެވެ.
ނަމަވެސް، ހަމާސްއަށް މިހާތަނަށް ހަވާލު ކުރެވުނީ 9 މީހުންގެ ހަށިގަނޑެވެ.
ހަމާސްއިން ބުނެފައިވަނީ، ގައިދީން ބައިތިއްބާފައި ތިބި ތަންތަނަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އެ ތަންތަނާ ހަވާލުވެ ތިބި ވެރިންވެސް މަރުވެފައި ވުމާއި، އެ ހިސާބުތަކަށް ދިއުމަށް ދަތިވެފައިވާތީ ވަގުތު ނަގާނޭ ކަމަށެވެ.
ހަށިތަކާ ހަވާލުވާ ރެޑް ކްރޮސްއިންވެސް ބުނެފައިވަނީ، މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައި ވުމުން އެކަމަށް ވަގުތު ނަގާނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެކަން އިސްރާއީލަށްވެސް ރަނގަޅަށް އެނގެއެވެ.
އެކަމަކު، އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، މަދުބައެއްގެ ހަށިތައް ހަވާލުކުރުން ލަސްވިޔަސް، ގިނަމީހުންގެ ހަށިތައް މިހާރުން މިހާރަށް ހަވާލުކުރެވެން ވާނޭ ކަމަށް އިސްރާއީލު ބުނާ ކަމަށެވެ.
އެހެންވެ، ދެވަނަ ފިޔައްސަށް ދިއުމަށް ބޭނުން ނުވާކަމަށް އިސްރާއީލުން އެމެރިކާ ސަރުކާރަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން، މުޖުރިމު ނަތަންޔަހޫވެސް ވަނީ، މަރުވެފައިވާ ގައިދީންގެ ހަށިތައް ހަވާލުކުރުން ލަސްވުމަކީ އިސްރާއީލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހަރުކަށި ދެ ވަޒީރުން ކަމަށްވާ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރ ބެން ގްވީރާއި، ފިނޭންސް މިނިސްޓަރ ސްމޮރިޗް ގެންދަނީ، ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް ނަތަންޔަހޫއަށް ފިއްތަމުންނެވެ.
އެދެ މީހުންނަކީވެސް، ހަމާސްއައެކު އިސްރާއީލުން ހެދި އެއްބަސްވުމާ ދެކޮޅު ހަދާފައިވާ ދެމީހުންނެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ކާރޒްވެސް މިހާރުވަނީ، އެއްބަސްވުން ފެއިލް ވެއްޖެނަމަ ޣައްޒާގައި ހަމާސް ބަލިކުރުމަށް އައު ޕްލޭނެއް އެކަށައެޅުމަށް އިސްތިއުމާރީ އަސްކަރިއްޔާއަށް އަމުރު ކޮށްފައެވެ. ހަމާސް ބަލިކުރާނީ އެމެރިކާއާ ގުޅިގެން ކަމަށްވެސް ކާރޒް ބުނެފައި ވެއެވެ.
މަރުވެފައިވާ ގައިދީންގެ ހަށިތައް ހަމާސްއިން ހަވާލު ނުކުރާ ކަމަށް ބުނެ، ޣައްޒާއަށް ކޮންމެ ދުވަހަކު އެތެރެކުރަން އިސްރާއީލުން އެއްބަސްވި އިންސާނީ އެހީގެ މިންވަރުވެސް މިހާރުވަނީ ދެބައިކުޅަ އެއްބަޔަކަށްވުރެ މަދުކޮށްފައެވެ.
ދުވާލެއްގެ މައްޗަށް 600 ޓްރަކްގެ އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން ހަމާސްއާއެކު އެއްބަސްވި ނަމަވެސް، މިހާރުވަނީ އެ އަދަދު ދެބައިކުޅަ އެއްބަޔަށް ވުރެންވެސް މަދުކޮށްފައެވެ.
މިއީ، ހަމާސްއަށް ޕްރެޝަރ ކުރުމުގެ ނަމުގައި އިސްރާއީލުން އަނެއްކާވެސް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެ އެތައް ބަޔަކު އެކަން ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.
ކިޔުންތެރިންގެ ހިޔާލު