އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓުގައި، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލުގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގެ ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިއަދު ގެޒެޓުގައިކުރި އިއުލާނެއްގައި ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާގެ އިރުއޮއްސި 06:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ. ރީ-ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައި ޕޯޓަލް މެދުވެރިކޮށްކަމަށް އީސީން ބުންޏެވެ.
މި އިންތިހާބުގައި ރަޖިސްޓަރީ ވާނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންކަމަށް އީސީން ބުންޏެވެ.
އީސީން ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާލެ، ހުޅުމާލެ، ވިލިމާލެ، ފޭދޫ، ހުޅުދޫ އަދި މީދޫ ގައި ވޯޓުލާން ރަޖިސްޓަރީކުރި ފަރާތްތަކުގެ ތެރެއިން، އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގުލިބޭ ފަރާތްތައް ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަންތަން އާންމުކޮށްފައެވެ.
އޭގައިވާ ގޮތުން ފޭދޫގެ 4،355 މީހަކަށް މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިިބިގެންވެއެވެ. ހުޅުދޫގެ 2،874 މީހަކަށް އަދި މީދޫގެ 2،347 މީހަކަށް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.
އައްޑޫ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 25 ގައެވެ.
އީސީން ވަނީ މިހާރު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓެއް ވެސް އާންމުކޮށްފައެވެ.
ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނާއި ވޯޓު ފޮށީގެ އަދަދުތައް:
- ހުޅުދޫގައި ތިން ފޮށި
- މީދޫގައި ތިން ފޮށި
- ފޭދޫގައި ފަސް ފޮށި
- މާލޭގައި ހުޅުދޫ ރައްޔިތުންނަށް ތިން ފޮށި
- މާލޭގައި މީދޫއަށް ހާއްސަ އެއް ފޮށި
- މާލޭގައި ފޭދޫ މީހުންނަށް ތިން ފޮށި
ރައީސް އޮފީހުން މިމަހުގެ 12 ވަނަ ދުވަހު ބުނެފައިވަނީ އައްޑޫ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިއަދު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.
ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
1. އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ކިޔުންތެރިންގެ ހިޔާލު