ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވީނަމަވެސް، އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާ ދެމުން ގެންދާކަމަށް ޣައްޒާއިން ލިބޭ ރިޕޯޓްތައް ބުނެއެވެ.
އެގޮތުން، މިއަދު އިރު އެރިފަހުން ދިން ހަމަލާތަކުގައި ޣައްޒާގެ އެކި ހިސާބުތަކުން 9 މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ޓެރަރިސްޓުންގެ ހަމަލާތަކުގައި، ގާޒާ ސިޓީން އެކަނިވެސް 6 މީހުން ޝަހީދުކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގާޒާ ސިޓީގެ ޝުޖައްޔާއިން ޝަހީދުކޮށްލި 5 މީހުން ހިމެނެއެވެ.
ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށް މިއަދު ހަވީރު ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުންވެސް އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން އެބަދެއެވެ. ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ.
ޚާން ޔޫނިސްއަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ޣައްޒާއިން ދޫކޮށްލާ ފަލަސްތީނުގެ ގައިދީން މިނިވަންކުރާ ރަށެވެ.
ހަމަލާތައް ހުއްޓާލަން އެއްބަސްވެ އެއަށް އަމަލުކުރަމުންދާއިރު، އިސްތިއުމާރީ ސިފައިން ޣައްޒާއަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންދާ މައްސަލަ، ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތަކާ ބެހޭ އދގެ ޚާއްސަ މަންދޫބު ފްރަންޗެސްކާ އަލްބަނީޒްވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލްބަނީޒް ވިދާޅުވީ، މިއީ އެހެން މީހުން ހަމަލާދިނުން ހުއްޓާލައި، އިސްރާއީލުން ހަމަލާދިނުން ކުރިއަށް ގެންދަންޖެހޭ ކަމަށް އިސްރާއީލުން ގަބޫލުކުރާ ހަމައިން ކުރާ ކަމެއް ކަމަށެވެ.
އަލްބަނީޒްވަނީ، އިސްތިއުމާރި ބާރުން މި އުދުވާނުތައް ހުއްޓަންދެން ދަތިކޮށް، އެކަހެރިކޮށް، ބޮއިކޮޓްކޮށް، ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު