އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބްކޮމިޓީން ކޮށްފިއެވެ.
އެ ކޮމިޓީން ކުރި ތަހުގީުތަކެއްގެ ރިޕޯޓް އެކުލަވާލައި، އެ ރިޕޯޓްގައިވާ ބައެއް މައުލޫމާތުތައް މެންބަރުންނާ ހިއްސާ ކުރައްވަމުން ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ، ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައިވެސް ހުންނެވި ދާއޫދާއި އޭނާގެ އަނބިކަނބަލުންގެ އެކައުންޓްތަކަށް، އާމްދަނީ ލިބުނު ގޮތް ނޭނގޭ ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
“ސޯސް އޮފް އިންކަމް (އާމްދަނީ ލިބުނު ގޮތް) ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވޭ،” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ދާއޫދާއި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަަމަވެސް އެ ގޭގެ ވެރިފަރާތަކީ ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމަށްވާތީ އެފަދަ ބޮޑު އިންވެސްޓެއް ކުރުމަށް އޭނާއަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ފާހަވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނަމަވެސް އެއީ ސިއްރު ރިޕޯޓަކަށް ވާތީ އެ ރިޕޯޓްގައިވާ ކަންކަން ހާމަކުރެވެން ނެތް ކަން ވެސް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ، ވެސް ނާޒިމް ވަނީ ދާއޫދު ގުޅުވައިފައެވެ.
އެގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ދާއޫދުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށްވެސް ވިދާޅުވިއެވެ.
“މަޖިލީހާ ހިއްސަކޮށްފަ އެބައޮތް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓު، އެ ރިޕޯޓްގައި ބަޔާންކޮށްފަ އެބައޮތް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްމަކާއި ހިޔާނާތުގެ މައްސަލަަތަކުގައި ބައިވެރިވުމާއި، އެކަމުން މަންފާ ލިބުނުކަމަށް ތުހުމަތު ކުރެވޭ 280 މީހެއްގެ ނަން ލިސްޓް، އެ ފަރާތްތަކަކީ ތަހުގީގަށް ލިބިފައިވާ މައުލޫތާތުތަކަށް ރިއާޔަތްކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާ އުފުލުމުގެ ފުރުސަތު އޮތް ފަރާތްތަކެއްކަން އެ ރިޕޯޓްގައި އެބައޮތް ބަޔާންކޮށްފަ، އެ ލިސްޓްގައި ފުލުހުންގެ ހިދުމަތުގައި މިހާރުވެސް ތިބި ދެ އޮފިސަރުން ކަމަށްވާ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު ރިޓަޔާކޮށްފައިވާ ދެ އޮފިސަރުން ކަމަށްވާ އަހްމަދު ޝުހާދު އައި ހަސަން ހަބީބު ހިމެނޭ،”
ނާޒިމް ވިދާޅުވީ، ޕޮލްކޯގެ މައްސަލަ ކޮމިޓީން ބަލަން ފެށުމުން ވިސުލްބްލޯވަރުން ހިއްސާކޮށްފައިވާ މައުލޫމާތުން ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ބައިވެރިވެގެން އެ ދެމީހުންގެ އަނބީންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއްގެ ގޮތުގައި މއ. ތަޅަމުދިގެ 10 ބުރިއަށް އިމާރާތްކޮށް، އެ ތަނުން ނަފާ ހޯދަމުން އައިކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެ އެގްރީމެންޓް ސިވިލް ކޯޓުގައި ރަޖިސްޓަރީ ކޮށްފައި އޮތުމުން، އޭގެ ކޮޕީއެއް ވެސް އެ ކޮމިޓީއަށް ލިބިފައިވާތީ، އެކަން އެގޮތަށް ހިނގާފައި އޮތްކަން ޔަގީން ކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފްޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާފައިވާ ފްލެޓް އިމާރާތަކުން ދާއޫދު އެޕާޓްމެންޓެއް ބައްލަވައިގެންފައިވާ ކަން އެނގޭ ކަމަށާއި އެއީ 4.1 މިލިއަން ރުފިޔާގެ އެޕާޓްމެންޓެއް ކަމަށްވެސް ބުނެފައިވެއެވެ. އެ އެޕާޓްމެންޓަށް 10 އިންސްޓޯލްމެންޓުން ނަގުދު ފައިސާ ދައްކައި ނިންމާފައިވާކަން ފާހަގަކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި ކަމަށާއި، ނަމަވެސް މިހާރު އެ އެޕާޓްމެންޓް ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަމަށް ބަދަލުކޮށްފައި ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އެހެންކަމުން 10.5 މިލިއަނާއި 4.1 މިލިއަން ރުފިޔާ އެއްކުރީމަ ޖުމްލަ ފައިސާގެ އަދަދު 14.6 މިލިއަން ރުފިޔާގެ އެސެޓް ކްރިއޭޓު ކޮށްފައި ވާކަން އެނގޭ ކަމަށާއި، އެ އެ އެސެޓްތަކަކީ އެމްއެމްޕީއާރްސީގެ ފައިސާ ކަމަށް ބެެލެވޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު