ހުސްވި ހަފުތާގައި ފުލުހުންނަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ 28 އިން މި އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅުނު ކަމަށެވެ.
މި މައްސަލަތަކުގައި ޖުމުލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މި ފައިސާގެ ތެރެއިން ޖުމުލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުން ހުރި މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.
މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ ހަ މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕަރސޮނޭޝަންގެ ހަތް މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ފިޝިންގ، ވިޝިންގ އަދި ޖޮބް ސްކޭމްގެ ތިން މައްސަލައަކާއި އެހެނިހެން ހަ މައްސަލައެއް ހުށަހެޅުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
އެންޓި ސްކޭމްގެ ސެންޓަރުގެ ހަފުތާގެ ތަފާސް ހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ ވަސީލަތަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާ ނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރި ވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއްކަމަށް ސްކޭމް ސެންޓަރުން ބުނެއެވެ. ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް ވެސް ބުންޏެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު