އދ.ދަނގެތީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންްޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށް ކޮންޓްރެކްޓުގައި ސޮއިކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައި މި ދެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އިތުރަށް އެ ރަށު ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފައިވެއެވެ.
އެމްޓިސީސީއާ ހަވާލުކުރެއްވި ދެ މަޝްރޫއަކީ 279.92 މިލިއަން ރުފިޔާގެ ދެ މަޝްރޫއެވެ. އެ މަޝްރޫއުތައް ހަވާލުކުރީ 570 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ. އެ މަސައްކަަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
މި މަޝްރޫޢުގެ ދަށުން 27.32 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ އިތުރުން، 576 މީޓަރުގެ ވަގުތީ ޖިއޯބޭގް ރިވެޓްމެންޓް އަދި 718 މީޓަރުގެ ދާއިމީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 500 މީޓަރުގެ ބޭރުތޮށި އެޅުމާއި 240 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރޭގައި 66,500 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 492 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް އަދި 385 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު