އައްޑޫ ސިޓީ ފޭދޫ އާއި ހުޅުދޫ އާއި މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ސިޓީގެ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނާއި އެއްގޮތްވާގޮތުގެ މަތިން، އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފަ އެވެ.
ރައީސް ވިދާޅުވީ މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވަނީ ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުއްވުމަށް ނިންމަވާފަ އެވެ.
އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގަ އެވެ.
މީގެއިތުރުން ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަންގަވައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގިވަޑައިގަންނަވާ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެއްޓެވުމަށްވެސް ވަނީ ނިންމަވާފަ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން އެ ސިޓީގެ ބައެއް ރައްޔިތުން ވަކާލާތު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.
ކިޔުންތެރިންގެ ހިޔާލު