ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި ދިވެހި ތަރިކައިގެ “ސިގްނޭޗަރ ސްކޮލަރޝިޕް” 40 ސްކޮލަރޝިޕް ފުރުޞަތަށް އެދި ގިނަ އަދަދެއްގެ ޒުވާނުން ފޯމު ހުށަހަޅައިފިއެވެ.
މި ފުރުޞަތަށް ގިނަ ޢަދަދެއްގެ ޒުވާނުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަކީ ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް ލިބުނު ހިތްވަރެއްކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުންޏެވެ.
ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވައިގެން ދިވެހި ތަރިކައިގެ ދިރާސާކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. މި ހުރިހާ މަސައްކަތްތަކެއްގެ ތެރެއިން މިހާރު މި ހުޅުވާލެވުނު 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ދިވެހި ތަރިކައިގެ “ސިގްނޭޗަރ ސްކޮލަރޝިޕް” ގެ ނަމުގައި ތަޢާރަފުކުރި މި ފުރުޞަތުތަކަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި ނިމުނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މި ސްކޮލަރޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް.) ގައި މާސްޓަރ އިން ރިސަރޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ. މި ސްކޮލަރޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ. މިފަދަ ފުރުޞަތެއްގެ މަޤްޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށް މަރުކަޒުން ހާމަކުރެއްވިއެވެ. މި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ މި އިދާރާ ޤާއިމުކުރެއްވީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ކިޔުންތެރިންގެ ހިޔާލު